2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 8 ބިލިއަން ދިވެހި ރުފިޔާ) ސަރުކާރުން ދައްކާ ނިންމާފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ފައިސާގެ ތެރޭގައި ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރަސްޓްގެ ގޮތުގައި ދައްކަންޖެހޭ 24.68 މިލިއަން ޑޮލަރު ހިމެނެއެވެ. ދަރަނި ދެއްކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސް.ޑީ.އެފް) އާއި ދައުލަތުގެ ރިޒާވް ބޭނުން ކޮށްގެންނެވެ.
މިއީ ސަރުކާރުން 2021 ވަނަ އަހަރު، ބޮޑު އިންޓްރެސްޓެއްގައި، ދަރަނި އަދާކުރާނެ ސިޔާސަތެއް ނެތި ނެގި ދަރަންޏެއް ކަމަށް ވުޒާރާއިން ފާހަގަ ކޮށްފައިވެއެވެ. 2023 ވަނަ އަހަރު ސަރުކާރުން ވަނީ ދަރަނި ދެއްކުމަށް ވަކި ސިޔާސަތެއް ގާއިމްކޮށް، އެސް.ޑީ.އެފް އަށް ބޭރު ފައިސާ ޖަމާކުުރަން ފަށައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ވެސް ރިވިއު ކޮށްފައެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އެސް.ޑީ.އެފް ފަންޑު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުުރެ މަތިވިއިރު، ދައުލަތުގެ ރަސްމީ ރިޒާވްވެސް ވަނީ 1.3 ބިލިއަން ޑޮލަރަށްވުުރެ ބޮޑުުވެފައެވެ.
ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންނަށް ބޭނުންވާ ތެލާއި، އަސާސީ ހިދުމަތްތަކާއި، މުދާ ފޯރުކޮށްދިނުމަށް ސަރުކާރު ދެމިއޮންނާނެ ކަމަށް ވުޒާރާ އިން ބުނެފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ މާލީ އިދާރާތަކާ ގުޅިގެން ހިންގި މަޝްވަރާ ތަކުގައި، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓަށް ދޭންޖެހޭ 100 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން ފަސްކުރުމަށް ކާމިޔާބުކަމާ ނިންމިފައިވާ ކަމަށްވެސް މާލީ ވުޒާރާ އިން ހާމަ ކޮށްފައިވެއެވެ.





