އިނގިރޭސިވިލާތުގެ އެންމެ ޝަރަފުވެރި ފިލްމީ އެވޯޑް ކަމަށްވާ ބާފްޓާ އެވޯޑްސް ދެއްކުމުގައި ބީބީސީއިން ގެންގުޅުނު އުސޫލުތަކާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި 79 ވަނަ ބާފްޓާ އެވޯޑްސް ހަފުލާ ބީބީސީއިން ބްރޯޑްކާސްޓް ކުރިއިރު، އެވޯޑް ހާސިލުކުރި ފިލްމު އުފެއްދުންތެރިއަކު ފަލަސްތީނަށް ތާއީދުކޮށް ދެއްކި ވާހަކަތައް ވަނީ އުނިކޮށްފައެވެ. ނަމަވެސް، ހަމަ އެ ހަފުލާގެ ތެރެއިން އިވުނު ނަސްލީ ތަފާތު ކުރުމުގެ ހުތުރު ބަހެއް އެޑިޓްނުކޮށް ބްރޯޑްކާސްޓް ކުރުމުން ގިނަ ބަޔަކު ވަނީ ބީބީސީގެ ނިޔަތާ މެދު ސުވާލު އުފައްދާފައެވެ.
ބްރިޓިޝް-ނައިޖީރިއަން ޑައިރެކްޓަރު އަކިނޯލާ ޑޭވިސް ޖޫނިއާ، އޭނާގެ ފިލްމު "މައި ފާދާސް ޝެޑޯ" އަށް އެވޯޑް ލިބުމުން ދެއްކި ޝުކުރުގެ ބަަހުގެ އެންމެ ފަހު ބައި ބީބީސީއިން ވަނީ ކަނޑާލާފައެވެ. އޭނާގެ ވާހަކައިގައި ނައިޖީރިއާ، ކޮންގޯ އަދި ސޫދާނުގެ ނަން ފާހަގަ ކުރުމަށްފަހު، އެންމެ ފަހުން ބުނެފައި ވަނީ "ފްރީ ފަލަސްތީން" (ފަލަސްތީނު މިނިވަންކުރޭ) މިހެންނެވެ.
އަކިނޯލާގެ ވާހަކައިގައި، އަނިޔާވެރިކަމާއި ނަސްލު ނައްތާލުމުގެ އަމަލުތައް ތަހައްމަލު ކުރަމުންދާ މީހުންގެ ވާހަކަތަކަކީ މިއަދު ވަރަށް މުހިންމު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ. ނަމަވެސް ބީބީސީއިން ޓީވީއަށް މި ހަފުލާ ދެއްކިއިރު މި ބައި ވަނީ އުނިކޮށްފައެވެ.
މި މައްސަލަ އިތުރަށް ގޯސްވީ، ހަފުލާގެ ތެރޭގައި "ޓުރެޓް ސިންޑްރޯމް" ހުންނަ މީހަކު ބޭނުން ކުރި ނަސްލީ ތަފާތު ކުރުމުގެ ހުތުރު ބަހެއް ބީބީސީއިން އުނިނުކޮށް ބްރޯޑްކާސްޓް ކުރުމުންނެވެ. މި ބަސް އިވިފައިވަނީ މަޝްހޫރު އެކްޓަރުން ކަމަށްވާ މައިކަލް ބީ. ޖޯޑަން އަދި ޑެލްރޯއި ލިންޑޯ ސްޓޭޖްމަތީގައި ތިއްބައެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުން ދަނީ، ބީބީސީއަށް ހުތުރު ބަސްތައް އެޑިޓްކޮށް އުނި ކުރަން ވަގުތު ނުލިބުނުއިރު، ފަލަސްތީނުގެ ހައްގުގައި ދެއްކި ވާހަކަ އުނި ކުރަން ވަގުތު ހޯދުމަކީ އެ ކުންފުނީގެ "ބައިއަސް" ނުވަތަ ވަކި ފަރާތަކަށް ޖެހިފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
މި މައްސަލައިގައި އެމްނެސްޓީ ޔޫކޭއިން ބުނެފައިވަނީ ބީބީސީގެ މި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށެވެ. އަދި އަކިނޯލާ ޑޭވިސް ޖޫނިއާ އޭނާއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، އަނިޔާ ލިބެމުންދާ މީހުންގެ ހައްގުގައި އަޑުއުފުލުމަކީ ތައުރީފު ހައްގު ކަމެއް ކަމަށް އެ ޖަމާއަތުން ބުންޏެވެ.
މިކަމާ ގުޅިގެން ބީބީސީއިން ނެރުނު ބަޔާނެއްގައި، ހުތުރު ބަސް ބްރޯޑްކާސްޓް ކުރެވުނު ކަމަށްޓަކައި މާފަށް އެދިފައިވެއެވެ. އެއީ އެޑިޓް ކުރުމުގައި ދިމާވި މައްސަލައެއް ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް، ފަލަސްތީނާ ގުޅޭ ބައި އުނިކުރި ސަބަބާ ބެހޭގޮތުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ.
ބާފްޓާ އެވޯޑްސްއަކީ ވަގުތުން ދައްކާ ހަފުލާއެއް ނޫން ކަމުން، އެ ފޮނުވުމުގެ ކުރިން ބީބީސީއަށް ދެ ގަޑިއިރުގެ ވަގުތު އެޑިޓް ކުރަން ލިބުނެވެ. އެހެންކަމުން މިއީ ގަސްތުގައި ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.





