ސަނީ ޑިއޯލްގެ އާ ފިލްމު "ސޫރްޔާ"ގެ މައްސަލައިގައި ވަޒީރަށް ސިޓީއެއް ފޮނުވައިފި

ސަނީ ޑިއޯލްގެ އާ ފިލްމު "ސޫރްޔާ"ގެ މައްސަލައިގައި ވަޒީރަށް ސިޓީއެއް ފޮނުވައިފި

އިންޑިއާގެ މަޝްހޫރު ބޮލީވުޑް އެކްޓަރު ސަނީ ޑިއޯލް ލީޑު ރޯލުން ފެނިގެންދާ "ސޫރްޔާ އަަންތު ސޭ އަާރަމްބު ތަކް" ފިލްމުގައި ސިއްހީ ދާއިރާއާއި ޑޮކްޓަރުން ދައްކުވައިދީފައިވާ ގޮތާއި، ސިއްހީ އޮފިޝަލުންނަށް ދޭ އަނިޔާތައް "ބުއްދިވެރި" ނުވަތަ "ހީރޯއިކް" ކަމެއްގެ ގޮތުގައި ދައްކާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިންޑިއަން މެޑިކަލް އެސޯސިއޭޝަން އިން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓަރު އަޝްވިނީ ވައިޝްނާވް އަށް ސިޓީއެއް ފޮނުވައިފިއެވެ.

އައިއެމްއޭއިން ވަނީ މި ފިލްމު ކްލިއާ ކުރުމުގެ ކުރިން އަވަސް ރީވިއުއެއް ހެދުމަށާއި، ފިލްމުގައި ހުރި ނޭދެވޭ މަންޒަރުތަކަށް އިސްލާހު ގެނައުމަށް ނުވަތަ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް އެދިފައެވެ.

ސިއްހީ ދާއިރާގައި ހުންނަ ކޮރަޕްޝަނާއި ނޭދެވޭ އަމަލުތައް މުޅި ޑޮކްޓަރުންގެ މުޖުތަމައަށް އާންމުވާ ގޮތަށް ދެއްކުމަކީ، އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާ ޑޮކްޓަރުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށް އައިއެމްއޭއިން ވަނީ ބުނެފައެވެ. އަދި އެތަނުން ފާހަގަ ކުރިގޮތުގައި ޑޮކްޓަރުންނާއި ނަރުހުންނަށް ދޭ ހަމަލާތައް ފިލްމުގައި މޮޅު ނުވަތަ ރަނގަޅު ކަމެއްގެ ގޮތުގައި ދެއްކުމުން، ހޮސްޕިޓަލްތަކުގައި ސިއްހީ ހިދުމަތްތެރިންނަށް ކުރިމަތިވާ ނުރައްކާތައް އިތުރުވެ، އަނިޔާވެރިކަމަށް ހިތްވަރު ލިބިގެންދާނެ ކަމުގެ ބިރު އެބައޮތެވެ.

މިފަދަ މަންޒަރުތަކުގެ ސަބަބުން ބަލިމީހުންނާއި ޑޮކްޓަރުންގެ މެދުގައި އޮންނަންޖެހޭ އިތުބާރު ކެނޑި، ސިއްހީ ދާއިރާއަށް ނުކުންނަން ތިބި ކުދިންނަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަކުރިއެވެ.

އައިއެމްއޭއިން ބުނެފައިވަނީ ވަކިވަކި ޑޮކްޓަރުން ކުރާ ކުށްތަކަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި އެކަމަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް، މުޅި ސިއްހީ ދާއިރާގެ އަބުރާއި އިތުބާރު ގެއްލޭ ގޮތަށް ފިލްމުތަކުގައި މައުލޫމާތު ފެތުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ސިޓީގައި ބުނެފައިވެއެވެ.

މި ފިލްމަކީ 2018 ވަނަ އަހަރު ނުކުތް މަލަޔާޅަމް ކްރައިމް ތްރިލާ "ޖޯސެފް" ގެ ހިންދީ ރީމޭކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *