އީރާނުގެ ތެޔޮ ބޭރުކުރާ މައި ރަށް ކަމަށްވާ ޚާރަކް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށާއި، އީރާނުގެ ތެޔޮ ވަޅުތަކުގެ ކޮންޓްރޯލްވެސް ނަގަން ބޭނުންވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
:ފައިނޭންޝަލް ޓައިމްސް: ނޫހަށް ދެއްވި ބަސްދީ ގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، ވެނެޒުއެލާ ހާދިސާ ތަފާތު ކަމަށާއި، ނަމަވެސް އީރާނުގެ ތެޔޮ ވަޅުތައް އެމެރިކާގެ ބާރުގެ ދަށަށް ގެންނެވުމަށް ވަރަށް ބޮޑަށް ބޭނުންފުޅު ވާ ކަމަށެވެ. އަދި އެ ކަމާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަކީ "ގަމާރު" ބައެއް ކަމަށް ވެސް ޓްރަމްޕް ސިފަ ކުރެއްވި އެވެ.
ޚާރަކްއަށް އަރައި، އެތަނުގެ ކޮންޓްރޯލް ނެގުމާ ބެހޭ މަޝްވަރާތައް ކުރެވެމުންދާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އަލްޖަޒީރާ ނޫހަށް ވަނީ ވިދާޅުވެފަ އެވެ. ހަނގުރާމަ ފުޅާ ކުރުމުގެ ގޮތުން، ފެބުރުވަރީ 28 ގައި ފެށި ހަނގުރާމައާ ގުޅިގެން، އެތަކެއް ހާސް ސިފައިން ހުޅަނގު އޭޝިޔާ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ވެސް ހާމަ ވެފައި ވެ އެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ލޮޅުންތަކެއް ދަނީ ކުރިމަތި ވަމުންނެވެ. ދުނިޔޭގެ ތެލާ ގޭހުގެ ގާތްގަނޑަކަށް 20 ޕަސެންޓް ދަތުރުކުރާ ހުރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައި ވުމާ ގުޅިގެން، ބްރެންޓް ކުރޫޑް ތެލުގެ ފީފާ އެއްގެ އަގު ވަނީ 115 އެމެރިކާ ޑޮލަރަށް އުފުލިފައެވެ.
މި ހާލަތާ ގުޅިގެން، ގަލްފުގެ ބައެއް ގައުމުތަކުން ވަނީ އެމެރިކާ ހިންގާ ހަމަލާތަކަށް ވާގިވެރިވެފަ އެވެ. ނަމަވެސް، ހަކަތައިގެ ދާއިރާ ހިންގާ ގަލްފު ގައުމުތަކުގެ މަރުކަޒުތަކަށް ރައްދު ހަމަލާ ދޭނެ ކަމުގެ ސީދާ އިންޒާރު އީރާނުން ވަނީ ދީފަ އެވެ.





