ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން، އިންސާނިއްޔަތަށްޓަކައި ކޮށްދޭންޖެހޭ ކަމެއް: މުއްތަލިބް

ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން، އިންސާނިއްޔަތަށްޓަކައި ކޮށްދޭންޖެހޭ ކަމެއް: މުއްތަލިބް

ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެއީ އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރު މި ގޮތަށް ވިދާޅުވީ، ބީ.އެމް.އެލް. އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ 1،190 ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، ދާއިމީ ބޯހިޔާވަހިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ލިބިފައިވާ އަސާސީ ރައްކާތެރިކަމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ބޭންކުން ލޯނު ނަގައިގެން ފުރަތަމަ ފަހަރަށް ގެ ގަންނަ ފަރާތްތަކަށް ހެޔޮ އަގުގައި ގަންނަ ފުުރުސަތު ވަރަށް އަވަހަށް ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހަމައެހެންމެ، ކުޑަ އާމްދަނީ ލިބޭ އާއިލާތަކަށް ލީސްޓް ޓު އޯން މޮޑެލްގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓް ތަކެއް އިމާރާތް ކުރަން ފެށިފައިވާ ކަމަށް ވަޒީރު ހާމަ ކުރެއްވި އެވެ.

މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ ހަމަޖެހިލައިގެން ދިރިއުޅެވޭ ވަރުގެ ބޯހިޔާވަހިކަމެއް ނެތް ފަރާތްތައް ކަން ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ފަދަ ފަރާތްތަކަކީ ބާކީ ވެފައިވާ ބަޔަކަށް ނުވާނެ ކަމަށެވެ. ހާލަތު ދަށް ފަރާތްތަކަށް ހާއްސަ އިސްކަމެއް ދީގެން ބޯހިޔާވަހިކަން ހޯދައިދިނުމުގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް ދާ ކަމަށް ވިދާޅުވި އެވެ.

"އޯގާތެރި ސަރުކާރަކުން އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް ކޮންމެހެން ވެސް ހިތްވަރު ދޭނެ. އެންމެ ފަޤީރު، އެންމެ ނިކަމެތި ފަރާތްތަކަކީ މުޖުތަމަޢުން ބާކީ ވެފައިތިބި ބަޔަކަށް ވުމަށް އަޅުގަނޑުމެން ބޭނުންނުވަން،" ވަޒީރު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *