އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ލުބުނާނުގެ ދެކުނުގެ ސަރަހައްދުތައް އިސްރާއީލުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ހިންގާ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށް އަމުރުކޮށްފިއެވެ.
ނަތަންޔާހޫ އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގެ "މަސްރަހު އަސާސީ ގޮތުން ބަދަލުކޮށްލުމަށް" އިސްރާއީލުން އޮތީ ވަރަށް ބޮޑަށް އަޒުމް ކަނޑައަޅައިގެން ކަމަށެވެ. އަދި އިސްރާއީލުން ކަނޑައަޅާފައިވާ އަސްކަރީ ލަނޑުދަނޑިތައް ހާސިލްވަންދެން ލުބުނާނަށް ދެމުންދާ ހަމަލާތައް މެދުކަނޑާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވައުދުވެވަޑައިގަތެވެ.
މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހު ހިޒްބުالله އިން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން، އިސްރާއީލުން ދަނީ ލުބުނާނުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިހާރު އިސްރާއީލުގެ އަސްކަރިއްޔާގެ ތިން ޑިވިޜަނެއް (91، 36، އަދި 162 ވަނަ ޑިވިޜަން) ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި ސަރަހައްދުގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެން ދިޔައީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ވައިގެ ހަމަލާތަކަކަށް ފަހުއެވެ. އެ ހަމަލާތަކުގައި އީރާނުގެ އޭރުގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އާއެކު 1,340 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުން ވަނީ އޭގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯންއާއި މިސައިލް ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވެއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އިސްރާއީލުގެ އަމާޒަކީ ލުބުނާނުގެ ދެކުނުގެ ފުރަތަމަ ސަފުގެ އަވަށްތައް ހިފައި، އެ ސަރަހައްދުތަކުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާ އެންޓި-ޓޭންކް މިސައިލްތަކުގެ ނުރައްކާ ދުރުކުރުމެވެ.
މި ހަނގުރާމައިގެ ސަބަބުން ލުބުނާނުގެ އެތައް މިލިއަން ރައްޔިތުންނެއް ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަކުރަން ޖެހިފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ އިސްރާއީލުން ލުބުނާނުގައި ހިންގަމުންދާ އަމަލުތަކަކީ ގާޒާގައި ހިންގި ފަދަ ބޮޑު ގަތުލުއާންމަކަށް ވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ





