އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދެކެވޭއިރު، އާންމުކޮށް އިވެނީ އަސްކަރީ ސްޓްރެޓެޖީއާއި، މިސައިލްގެ ގާބިލުކަމާއި، ނިއުކްލިއާ ނުރައްކަލުގެ ވާހަކަތަކެވެ. ނަމަވެސް، މިއީ ހަމައެކަނި އަސްކަރީ ހިސާބުތަކަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ.
އީރާނުން މި ހަނގުރާމައިގައި ސަލާމަތްވެ، ކުރިމަތިލާނެ ގޮތް ދެނެގަތުމަށްޓަކައި، އެ ގައުމުގެ "ސިޔާސީ ތިއޮލޮޖީ" ނުވަތަ ދީނީ ފަލްސަފާގެ ތެރެއަށް ވަންނަންޖެހެއެވެ. އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަކީ ހަމައެކަނި އިދާރީ ދައުލަތެއް ނޫނެވެ. އެއީ އޭގެ ބިންގާ ދީނީ އަދި އަޚްލާގީ މަޝްރޫޢެއްގެ މައްޗަށް ބިނާވެފައިވާ ތަނެކެވެ.
ޚާއްޞަކޮށް، ޝީޢީ މަޛްހަބުގެ ތާރީޚުގައި ހިމެނޭ "ކަރުބަލާގެ ހަނގުރާމަ" އާއި، އިމާމް ޙުސައިންގެފާނު ވެވަޑައިގަތް ޤުރުބާނީގެ ހަނދާންތަކަކީ އީރާނުގެ ސިޔާސީ ބާރުގެ މައިގަނޑު އަސާސެވެ. މި ފަލްސަފާގައި، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމާއި، ޙައްޤުގޮތުގައި ޝަހީދުވުމަކީ ނާކާމިޔާބީއެއް ނޫނެވެ؛ އެއީ ކާމިޔާބީއެކެވެ.
އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާއި ގުޅިގެން ، އީރާނުގެ އެތެރޭގައި އުފެދުނު ރޫޙަކީ މިކަމަށް ހެކި ދޭ ކަމެކެވެ. ބޮން އެޅުންތައް ކުރިއަށްދާއިރުވެސް، ރެޔާއި ދުވާލު ބާއްވާ ހިތާމައިގެ ރަސްމިއްޔާތުތަކުން ދައްކުވައިދެނީ، ބޭރުގެ ހަމަލާތަކުގެ ސަބަބުން ދައުލަތުގެ ބިންގާ ބަލިކަށިވުމުގެ ބަދަލުގައި، އެތެރޭގެ އެއްބައިވަންތަކަން އިތުރަށް ވަރުގަދަ ވަމުންދާ ތަނެވެ.
އީރާނުގެ ސަރުކާރާމެދު ހިތްހަމަނުޖެހޭ އެތައް ރައްޔިތުންނެއް އެ ގައުމުގައި ތިބި ނަމަވެސް، ބޭރުގެ ބާރުތަކުން ގައުމަށް ދޭ ހަމަލާތަކުގެ ސަބަބުން އެ އެންމެން އެއްގަލަކަށް އަރަން މަޖުބޫރުވެއެވެ. ބޭރުގެ އުދުވާނަކީ ގައުމީ ލޭ ކައްކުވައިދޭ ކަމަކަށް ވާއިރު، ސަރުކާރަށް ފާޑުކިޔާ މީހުންވެސް "ގައުމުގެ ދިފާއުގައި" ތެދުވަން މަޖުބޫރުވެއެވެ.
މިއީ އީރާނުގެ ވެރިކަމަށް ލިބޭ ވަރަށް ބޮޑު ސިޔާސީ ބާރެކެވެ. އާންމު ހާލަތްތަކުގައި ސަރުކާރުގެ ކޮރަޕްޝަނާއި، އިގްތިސާދީ ދަތިކަމަށް އަމާޒުވާ ފާޑުކިޔުންތައް، ހަނގުރާމައިގެ ވަގުތުގައި "ބޭރުގެ ދުޝްމަނުންނާ" ދެކޮޅަށް އަމާޒުވެގެން ދެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބަސްމަގު ހުރި ގޮތުން، އީރާނުން "ޝަރުތެއް ނެތް އަމާން ދިނުމަށް" ގޮވާލުމަކީ، އީރާނުގެ ވެރިކަމަށް ލިބުނު ހަދިޔާއެކެވެ. މިއީ އީރާނުން އަބަދުވެސް ދައްކަމުން އަންނަ "އިމްޕީރިއަލިޒަމް" ނުވަތަ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ގައުމު އަޅުވެތިކުރަން އުޅޭ ކަމުގެ ދަލީލެކެވެ. މިފަދަ ބަސްމަގުތަކުގެ ސަބަބުން، އީރާނުގެ ވެރިކަމަކީ ހަމައެކަނި ސިޔާސީ ބާރެއް ނޫން ކަމާއި، އެއީ ގައުމުގެ ކަރާމާތާއި ދީނުގެ ދިފާއުގައި އޮތް ބާރެއް ކަމަށް ދެއްކުމަށް ފަސޭހަ ވެގެންދެއެވެ.
މި ހަނގުރާމައިގެ ސަބަބުން އީރާނުގެ އިމާރާތްތަކާއި، އަސްކަރީ މަރުކަޒުތައް ސުންނާފަތި ވެދާނެއެވެ. ނަމަވެސް، އީރާނުގެ "ސިޔާސީ-ދީނީ ރޫޙު" މިކަމުގެ ސަބަބުން އިތުރަށް ވަރުގަދަވުމުގެ ފުރުސަތު ބޮޑެވެ. ހަނގުރާމައަކީ ހަމައެކަނި ހަތިޔާރުން ކުރާ ކަމެއް ނޫނެވެ. އެއީ ކޮންމެ ކަމަކަށް މާނައެއް ދީގެން ކުރާ ކަމެކެވެ. އެމެރިކާއާއި އިސްރާއީލުން ހީކުރަނީ ބާރުގެ ބޭނުން ކޮށްގެން އީރާނު ބަލިކޮށްލެވޭނެ ކަމަށެވެ. ނަމަވެސް، އެމީހުންގެ އެ އަމަލުތަކަކީ އީރާނުގެ "ޝަހީދުވުމުގެ" ފަލްސަފާއަށް އިތުރު ދިރުމެއްދޭ ކަމަކަށް ވެދާނެއެވެ.
މި ހަނގުރާމައިގެ ސަބަބުން އީރާނުގެ މާއްދީ ބިންގާ ބަލިކަށިވިޔަސް، އެ ގައުމުގެ ދައުލަތް ދެމެހެއްޓުމަށް ބޭނުންވާ "ދީނީ އަދި ރޫޙާނީ" ވާހަކަތައް އިތުރަށް ވަރުގަދަ ވެގެންދެއެވެ. މިއީ މި ހަނގުރާމައިން ފެންނަ އެންމެ ބޮޑު ފުށުއެރުމެވެ





