ތެހެރާން: އިރާނުގެ ދުޝްމަނުން އެ ގައުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އޮޕަރޭޝަންތައް ހިންގުމަށް އަވަށްޓެރި ގައުމުތަކުގެ ބިންތަކާއި ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަށް އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
މި ހިނގާ މާރިޗު މަހުގެ 28 ވަނަ ދުވަހު ދެއްވި ބަޔާނެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ސަރަހައްދީ ގައުމުތަކުން ތަރައްގީ އާއި ސަލާމަތްތެރިކަން ބޭނުންވާ ނަމަ، އިރާނުގެ ދުޝްމަނުންނަށް އެ ގައުމުތަކުގެ ބިމުގައި ތިބެގެން ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
މިއީ މައިގަނޑު ގޮތެއްގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެއްވި އިންޒާރެއް ކަމަށް ބެލެވެއެވެ.
ހަނގުރާމައިގެ ފަސްމަންޒަރު
މި ހަނގުރާމަ ގޯސް ވެގެން ދިޔައީ ފާއިތުވި ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އިރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި އިރާނުގެ ރޫހާނީ ލީޑަރު އާޔަތުުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެންނެވެ. އޭގެ ފަހުން އިސްރާއީލުން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިރާނުގެ އެކި ސަރަހައްދު ތަކަށް ބޮން އަޅަމުންނެވެ.
އިރާނުން ވަނީ މީގެ ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުގެ އިތުރުން، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ސަރަހައްދީ ބައެއް ގައުމުތަކަށް ވެސް ހަމަލާދީފައެވެ.
ސައުދީ އަރަބިއްޔާ: ސައުދީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި އެމެރިކާގެ 15 ސިފައިން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކުވައިތު: ކުވައިތުގެ ބައިނަލްއަގުވާމީ އެއާޕޯޓުގެ ރާޑަރު ސިސްޓަމަށް ޑްރޯން ހަމަލާތަކެއް އަމާޒުވެފައިވެއެވެ.
ޔޫއޭއީ: އަބޫދާބީ އާއި ދުބާއީގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މުދަލަށާއި މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
ދިފާއީ ނިޒާމާއި ސަރަހައްދީ ނުތަނަވަސްކަން
ރައީސް ޕެޒެޝްކިއަން ވިދާޅުވީ އިރާނުން ބޭނުންވަނީ އަވަށްޓެރި ގައުމުތަކާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަށް ކަމަށާއި، ނަމަވެސް އެ ގައުމުތަކުގެ ބިން ބޭނުން ކޮށްގެން އިރާނަށް ހަމަލާދޭ ނަމަ، އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށެވެ.
މީގެ އިތުރުން، އިރާނުގެ ޕާލަމެންޓުގެ ބައެއް މެންބަރުން ދަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާކުރާ ބައިނަލްއަގުވާމީ މުއާހަދާ (NPT) އިން އިރާން ވަކިވުމަށް ވެސް ބާރުއަޅަމުންނެވެ.
މި ހަނގުރާމަ މިހާރު އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ސަރަހައްދީ މަސްރަހު އޮތީ ނުހަނު ނުރައްކާތެރި ފައްތަރެއްގައެވެ. ދުނިޔޭގެ ތެލުގެ ބާޒާރަށް މީގެ އަސަރު ކުރަމުންދާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްވެސް ނިޝާނެއް އަދި ފެންނާކަށް ނެތެވެ





