އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ 230 ކުޑަކުދިން މަރުވެއްޖެ

އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތަކުގައި އީރާނުގެ 230 ކުޑަކުދިން މަރުވެއްޖެ

ތެހެރާން: އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފަށާފައިވާ ހަނގުރާމައަށް މަސް ދުވަސް ވެފައިވާއިރު، މި ހަމަލާތަކުގައި މިހާތަނަށް 230 އަށްވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް އީރާނުން ހާމަކޮށްފިއެވެ.

އީރާނުގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ އަނަޑޯލޫ އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި 230 ކުޑަކުދިން މަރުވުމުގެ އިތުރުން، 1،800 އެއްހާ ކުޑަކުދިން ވަނީ އެކި ވަރުގެ އަނިޔާތައް ލިބި ޒަހަމްވެފައެވެ.

މި ހަނގުރާމައިގައި މިހާތަނަށް ޖުމްލަ 1،340 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އީރާނުން ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި އީރާނުގެ ކުރީގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ.

ސްކޫލަކަށް ދިން ހަމަލާ
މި ހަނގުރާމައިގެ ތެރޭގައި ހިނގި އެންމެ ހިތާމަވެރި އެއް ހާދިސާއަކީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު އީރާނުގެ ހުރުމުޒްގާން ޕްރޮވިންސްގެ މިނާބްގައި ހުންނަ އަންހެން ކުދިންގެ ޕްރައިމަރީ ސްކޫލަކަށް ދިން ހަމަލާއެވެ.

އެމެރިކާ އާއި އިސްރާއީލުން ދިން މި ހަމަލާގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައިވާއިރު، އެ ކުދިންގެ ހަނދާނުގައި އީރާނުގެ ގިނަ ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ސަރަހައްދީ ނުތަނަވަސްކަން
އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ އިސްރާއީލަށާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ބާޒާރުތަކަށާއި ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވެއެވެ.

ތުރުކީގެ އިންޓެލިޖެންސް އިދާރާގެ ވެރިޔާ ވަނީ މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެމެރިކާއިން ބުނަމުންދަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ބޭނުންވާ ކަމަށެވެ. ނަމަވެސް، އެމެރިކާގެ އަމަލުތައް ހުރި ގޮތުން އެ ގައުމުން އެއްގަމު މަގުން އީރާނަށް އެރުމަށް ތައްޔާރުވަމުންދާ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ހަނގުރާމައާ ގުޅިގެން ސްލޮވީނިއާ ފަދަ ބައެއް ގައުމުތަކުން ވަނީ އެމެރިކާ އާއި އިސްރާއީލުގެ އަމަލުތައް ކުށްވެރިކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *