އެމެރިކާގެ ސީއައިއޭގެ ކުރީގެ ޑައިރެކްޓަރު ޖޯން ބްރެނަން، ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މަޝްވަރާތަކާ ގުޅޭގޮތުން ޓްރަމްޕް ދައްކަވާ ވާހަކަތަކަށްވުރެ އީރާނުން ދައްކާ ވާހަކަ ތަކަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބްރެނަން ވިދާޅުވީ، ޓްރަމްޕަކީ ހަގީގަތާ ކުރިމަތިލާން ޖެހުމުންވެސް އެކަން ގަބޫލު ކުރަން ނުކުޅެދިފައިވާ ބޭފުޅެއް ކަމަށެވެ. އަދި އީރާނާއެކު ޑިޕްލޮމެޓިކް ކުރިއެރުން ތަކެއް ލިބެމުންދާ ކަމަށް ޓްރަމްޕް ކުރައްވާ ދައުވާތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
"އަޅުގަނޑު ޑޮނަލްޑް ޓްރަމްޕަށްވުރެ ބޮޑަށް އީރާނަށް އިތުބާރު ކުރަން، ސަބަބަކީ ތަކުރާރުކޮށް ހަގީގަތް ކުރިމައްޗަށް އައުމުންވެސް އެއީ ތެދުކަން ގަބޫލުކުރަން އޭނާއަށް ނޭނގޭތީ،" ބްރެނަން ވިދާޅުވިއެވެ.
ބްރެނަން އިތުރަށް ވިދާޅުވީ ޓްރަމްޕް މިހާރު އުޅުއްވަނީ އަމިއްލައަށް އުފައްދާފައިވާ ނާކާމިޔާބީއަކުން ސަލާމަތްވާނެ ގޮތެއް ނޭނގިގެން ކަމަށެވެ. އަދި އީރާނުން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްވާން އުޅޭ ކަމަށް ބުނެ ޓްރަމްޕް ދައްކަވާ ވާހަކަތަކަކީ ހަގީގަތާ ކައިރިކުރާ ވާހަކަތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި، އީރާނުގެ ރައްދު ހަމަލާތަކުގެ ސަބަބުން އެމެރިކާގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިކަމުގެ ސަބަބުން އެމެރިކާއިން ދަނީ ސަރަހައްދީ ގައުމުތައް މެދުވެރިކޮށް، އީރާނުގެ ހަމަލާތައް ހުއްޓުވުމަށާއި ހޯރްމުޒް ކަނޑުއޮޅިން އެމެރިކާގެ އުޅަނދުތަކަށް ދަތުރުކުރެވޭނެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، އީރާނުގެ ސަލާމަތީ އިސް އޮފިޝަލަކު ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ހުށަހެޅުންތަކަށް އީރާނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ހަނގުރާމަ ނިމުމަކަށް އަންނާނީ ހަމައެކަނި ތެހެރާނުން ކަނޑައަޅާ ޝަރުތުތަކާއި ވަގުތެއްގައި ކަމަށްވެސް އެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.





