އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދަޢުވާތަކުގައި އޭނާއަށް ރިޔާސީ މާފެއް ލިބިދާނެ ކަމާމެދު އިސްރާއީލުގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ޝައްކު ފާޅުކުރައްވައިފިއެވެ.
އިސްރާއީލުގެ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އިޒްހާކް ޒާމީރު، އެ ޤައުމުގެ ދައުލަތުގެ މީޑިއާ "ކާން" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، މިހާރު ކަންތައްތައް ހުރި ގޮތުން ނަތަންޔާހޫއަށް މާފު ދެއްވައިފިނަމަ، ރައީސް އިސާކް ހަރްޒޮގް ޤާނޫނާ ޚިލާފުވުމުގެ ބިރު އެބައޮތް ކަމަށެވެ.
ޒާމީރު ވިދާޅުވި ގޮތުގައި، ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކަށް އޭނާ ލިޔުމުން އިޢުތިރާފު ނުވަނީސް، އޭނާއަށް މާފު ދެވޭނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ބޮޑުވަޒީރު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ލިޔުމުން އިޢުތިރާފު ނުވަނީސް އޭނާއަށް މާފެއް ނުލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ކޮރަޕްޝަންގެ ބޮޑެތި ގިނަ ދަޢުވާތަކެއް އުފުލާފައިވާ ނަތަންޔާހޫ މާފަށް އެދި ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގައެވެ. ނަމަވެސް، ރައީސް ހަރްޒޮގް މިކަމާމެދު ގޮތެއް ނިންމަވާނީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެއެވެ.
މީގެ އިތުރުން، ޒާމީރު ވަނީ މިހާރުގެ ސަރުކާރުން އަދުލު އިންސާފުގެ ނިޒާމު ބަލިކަށިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މީގެ ތިން އަހަރު ކުރިން ސަރުކާރުން ފެށި މި ކެމްޕޭނަކީ ޑިމޮކްރަސީ ހަލާކުކޮށްލުމަށް ކުރާ މަސައްކަތެކެވެ. ސަރުކާރާއި ޕާލަމެންޓުގެ ތެރެއަށް ބާރުތައް ޖަމާވަމުން ދިއުމަކީ، ޑިމޮކްރަސީގެ ތަނބެއް ކަމަށްވާ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލަށް އޮތް ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަތަންޔާހޫއަށް މާފު ނުދޭތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އިސްރާއީލުގެ ރައީސް ހަރްޒޮގަކީ "ބަލިކަށި" ބޭފުޅެއް ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. ނަމަވެސް، ޤާނޫނީ މާހިރުން ދެކޭ ގޮތުގައި މި މައްސަލައިގައި ރައީސް ހަރްޒޮގަށް އޮތީ ވަރަށް ހަނި ފުރުޞަތެކެވެ.





