ހުޅުމާލޭގެ ބޮޑެތި ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭ ގޮތަށް ހަދައި، ހުޅުމާލޭގެ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ ގަވާއިދު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކޮށްފިއެވެ.
މި ގަވާއިދަކީ ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބިންތަކުގައި އިމާރާތްކުރުމަށް ހަރުދަނާ އޮނިގަނޑެއް ތައާރަފުކޮށް، ތަރުތީބުވެފައިވާ އާބަން ތަރައްގީއަކަށް މަގުފަހިކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ބިންވެރިންނާއި ޑިވެލޮޕަރުންނަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. ބިމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ގަވާއިދުގައި ހުޅުމާލޭގެ ރެސިޑެންޝަލް ޕްލޮޓްތަކުގައި އިމާރާތްކުރުމުގެ އިޖުރާއަތްތަކާއި މިންގަނޑުތައް ބަޔާންކޮށްފައިވާއިރު، މި ގަވާއިދު ތަންފީޒުކުރާނީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިންނެވެ.





