މާލޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ރާއްޖެ އާއި ބޫޓާން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެ، ސެމީ ފައިނަލަށް ދިއުމުގެ އަމިއްލަ ބާރު ރާއްޖެ އަށް ގެއްލިއްޖެ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗަކީ ދެ ޓީމަށް ވެސް މޮޅުވުން މަޖުބޫރުވެފައި އޮތް މެޗެކެވެ. ފުރަތަމަ މެޗުތަކުން ދެ ޓީމު ވެސް ބަލިވެފައިވާ އިރު — ރާއްޖެ ސްރީ ލަންކާ އަތުން 3-2 އިން، ބޫޓާން ނޭޕާލް އަތުން 2-1 އިން — މިއަދު ނޭޕާލުން ސްރީ ލަންކާ ބަލިކުރުމާ އެކު ތިން ޕޮއިންޓް ހޯދުން އޮތީ ލާޒިމުވެފަ އެވެ. މެޗު އެއްވަރުވުމުން މި ގްރޫޕުން ސެމީ ޔަގީންވީ ނޭޕާލަށެވެ.
މެޗުގެ ޚުލާސާ
މިރޭގެ މެޗަށް ރާއްޖެ ނުކުތީ ފުރަތަމަ އެގާރައަށް ތިން ބަދަލެއް ގެނެސްގެންނެވެ. ނާޝިއު އަހުމަދު ޝިހާމް އާއި މުހައްމަދު ނައިސަމް ނަދީމް އަދި އައިދު މުހައްމަދު ޖަވީޒަށް ފުރުސަތު ދިނެވެ.
ފުރަތަމަ ހާފުގައި ރާއްޖެ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ފެނުނީ 24 ވަނަ މިނިޓްގަ އެވެ. ނައްސާހު ހަމަޖައްސާލާފައި ހުސްކޮށް ހުރި ކެޕްޓަން އިލާނަށް ދިން ބޯޅަ، އިލާން ޖެހި ޝޮޓް ހުރަސްދަނޑީގައި ޖެހިފައި ބޭރުވީ އެވެ. އީތަންގެ ޝޮޓެއް ވެސް ބޫޓާނުން ބްލޮކް ކުރި އެވެ.
ދެ ވަނަ ހާފުގައި އައިދުގެ ބަދަލުގައި އެރުވި ޔޫސުފް އަޔާން ވަގުތުން އެޓޭކުގައި ބައިވެރިވި އެވެ. އަހުޒަމް (އަހު) ނަގައިދިން ބޯޅަ ކީޕަރު ޕެންޖޯ އަތުން ރީބައުންސްވެ އަޔާނަށް ލިބުނު ނަމަވެސް، ޕެންޖޯ ދެ ވަނަ ފަހަރަށް ވެސް ސަލާމަތްކުރި އެވެ. އީތަން ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފަހަތުގައި މުހައްމަދު ޝަމްހާން ވަނީ ބޫޓާންގެ ކެޕްޓަން ރިންޒިން ޑޯޖީގެ ހަމަލާތައް ހުއްޓުވައި، މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މެޗުގެ 88 ވަނަ މިނިޓްގައި ބޫޓާންގެ ސޯނަމް ޑޯޖީގެ ޝޮޓް ހުރަސްދަނޑިއަށް އަމާޒުވި އިރު، އިތުރު ވަގުތުގައި އަހުގެ ޝޮޓް ވެސް ކީޕަރު ޕެންޖޯ މަތަކުރި އެވެ.
ކުރިއަށް އޮތީ ނޭޕާލް މެޗު
ގްރޫޕް އޭގެ ފަހު މެޗުތައް ހުކުރު ދުވަހު ކުޅޭ އިރު، ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ ރޭ ސްރީ ލަންކާ އާއި ބޫޓާން ވާދަކުރާނެ އެވެ.
ރާއްޖެ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދާ ނަމަ، ފުރަތަމަ ނޭޕާލް ބަލިކުރުމަށް ފަހު، ސްރީ ލަންކާ އާއި ބޫޓާން ކުޅޭ މެޗުގެ ނަތީޖާ އަށް އިންތިޒާރުކުރަން ޖެހޭނެ އެވެ.





