ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާ ފަށްޓާފައިވާ ހަނގުރާމައަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފު "ސިޔާސީ ގޮތުން ހެދުނު ބޮޑު ގޯހެއް" ކަމަށް ވިދާޅުވެ، ޖަރުމަނުވިލާތުގެ ރައީސް ފްރެންކް-ވާލްޓަރ ޝްޓައިންމަޔަރ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޖަރުމަނުވިލާތުގެ ޚާރިޖީ ވުޒާރާގައި ތަގުރީރު ކުރައްވަމުން ޝްޓައިންމަޔަރ ވިދާޅުވީ، ހަނގުރާމައިގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ހަމަލާ ފެށި އެމެރިކާ ކަމަށާއި، ދިފާއުގައި ރައްދުދޭ ފަރާތަށް ކުށްވެރި ކުރުމަކީ ހަމަނުޖެހޭ ކަމެއް ކަމަށެވެ.
"އެއީ ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބުނަން ނުކެރި ތިބުމަކީ ޖަރުމަނުވިލާތުގެ ޚާރިޖީ ސިޔާސަތު ބާރުވެރިވާނެ ކަމެއް ނޫން." ޝްޓައިންމަޔަރ ވިދާޅުވި އެވެ.
ހަމައެހެންމެ، އިރާނުން އެމެރިކާއަށް ހަމަލާ ދޭން އުޅޭ ކަމަށް ދައްކާ ބަހަނާތަކަށްވެސް ޝްޓައިންމަޔަރ ވިދާޅުވީ "އެއްވެސް ބުރަދަނެއް ނެތް" ކަމަށެވެ.
ޓްރަމްޕްގެ ދެވަނަ ދައުރުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ކުރިން ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިން ގެއްލުނު ވިސްނުމާ ގާތްކޮށް ޖަރުމަނަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑު ކަމަށް ވިދާޅުވެ، 2025 ޖަނަވަރީ 20 ގެ ކުރިން އެމެރިކާއާ އޮތް ގުޅުމަށް ދެން ނުދެވޭނެ ކަމަށްވެސް ޝްޓައިންމަޔަރ ވިދާޅުވި އެވެ.
މި ހާލަތާ ގުޅިގެން ޖަރުމަނު ދަނީ އެމެރިކާއަށް އޮތް ބަރޯސާ ކުޑަކޮށް، ޗައިނާއާ ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުުރަމުންނެވެ.





