ޑިފެންސް ސެކްރެޓަރީއަށް ޓްރަމްޕް: އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން ފުރަތަަމަ ގޮވާލީ ކަލޭ

ޑިފެންސް ސެކްރެޓަރީއަށް ޓްރަމްޕް: އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަން ފުރަތަަމަ ގޮވާލީ ކަލޭ

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް އެންމެ ފުރަތަމަ ގޮވާލެއްވީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް އެންމެ ފުރަތަމަ ގޮވާލެއްވީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް އެވެ. ޓެނެސީގައި ބޭއްވުނު ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ޕީޓް އެގޮތަށް ލަފާ ދެއްވީ އީރާނަށް ނިއުކްލިއާ ހަތިޔާރު ހެދުމުގެ ފުރުސަތު ނުދޭން ކަމަށްވެސް ވިދާޅުވި ކަމަށެވެ.

"ޕީޓް، އަހަންނަށް ހީވަނީ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ކަލޭހެން. އަދި ކަލޭ ބުނީ އެމީހުންނަށް ނިއުކްލިއަރ ހަތިޔާރު ހޯދުމުގެ ފުރުސަތު ދީގެން ނުވާނެތީ އެކަން ކުރަމާ ހިނގާށޭ،" ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުގެ ހަނގުރާމައަށް ހަތަރުވަނަ ހަފްތާއަކަށް ވަދެފައިވާއިރު، މި ހަނގުރާމަ ފެށުމުގެ ނިންމުންތަކާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ އެތެރޭގައި ވަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިފައެވެ.

ބައެއް އޮފިޝަލުން ބުނާ ގޮތުގައި އެމެރިކާއިން ހަމަލާ ނުދިން ނަމަވެސް އިސްރާއީލުން އޮތީ އީރާނަށް ހަމަލާދޭން ތައްޔާރަށެވެ. ނަމަވެސް އަނެއްބައި އޮފިޝަލުން ބުނަނީ މިއީ އީރާނުގެ ނިއުކްލިއަރ ނުރައްކަލާ ގުޅިގެން ސީދާ އެޅި ފިޔަވަޅެއް ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އީރާނުން ރައްދުގައި ދިން ހަމަލާތަކަކީ އުންމީދު ކުރި ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މިއީ ސަރުކާރުގެ އެތެރެއިން ދީފައިވާ އިންޒާރު ތަކަށް އަޅާނުލައި ދޫކޮށްލުމުން ވީކަމެއް ކަމަށް ބުނާ ރިޕޯޓުތަކާ މި ވާހަކަ ފުށުއަރައެވެ.

މި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި މެދުއިރުމަތީގައި ބޮޑު ކާރިސާއެއް އުފެދިފައިވާއިރު، މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާގެ 13 މީހުން ވަނީ މަރުވެފައެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއިން ދިން ހަމަލާތަކަކާ އެކު ފެށުނު މި ހަނގުރާމަ މުޅި ސަރަހައްދަށް ފެތުރިފައިވާއިރު، މިހާތަނަށް އީރާނުން 1،500 އަށްވުރެ ގިނަ މީހުން، ލުބުނާނުން 1،000 މީހުން އަދި އިސްރާއީލުން 15 މީހުން ވަނީ މަރުވެފައެވެ.

މި ހަނގުރާމަ ފެށުނީ ސީދާ ކިހިނެއްކަމާއި، އަދި ހަނގުރާމަ ފެށުމުގެ އެންމެ ފަހުގެ ނިންމުން ނިންމީ ކާކުކަން އަދިވެސް ސާފުނުވާއިރު، އީރާނަށް ދީފައިވާ މުހުލަތު ޓްރަމްޕް ވަނީ އިތުރު ފަސް ދުވަހަށް ދަންމާލައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *