އިންޑިއާގެ އަންދްރަޕްރަދޭޝްގެ އަނަންތަޕޫރުގައި މީހަކު ގަތް ބަކަރި މަސްކޮޅެއް، ޕްރެޝަރު ކުކަރުގައި ކައްކަން އުނދައިގެން 20 ފަހަރު ވިސިލް ކުރި އިރުވެސް މަސްކޮޅު ނުކެކުމުން، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
މި މީހާ ބަކަރި މަސް ގަނެގެން ގެއަށް ގޮސް ކައްކަން ފެށީ އާންމުކޮށްވެސް މަސް ކައްކާ އުސޫލުން ޕްރެޝަރު ކުކަރަކަށް އަޅައިގެންނެވެ. ނަމަވެސް، 20 ފަހަރު ކުކަރުގެ ވިސިލް ކުރި އިރުވެސް މަސްކޮޅު ހުރީ ހަރުކޮށް، ނުކެކިއެވެ. މިކަމާ މާޔޫސްވެ، ރުޅިގަދަވެ މި މީހާ ނިންމީ މިކަމުގައި އިންސާފު ހޯދުމަށެވެ.
އޭނާ ފުލުސް ސްޓޭޝަނަށް ދިޔައީ ހަމައެކަނި ޝަކުވާ ހިފައިގެންނެއް ނޫނެވެ. އޭނާ ކެއްކި ބަކަރި މަސް ތަވާއާއެކު ފުލުސް ސްޓޭޝަނަށް ހާޒިރުވެ، މަސް ނުކެކޭ ކަމުގެ ހެކި ފުލުހުންނަށް ދެއްކިއެވެ. އޭނާ އެދުނީ މަސް ވިއްކި މީހާއާ މެދު ފިޔަވަޅު އަޅައިދިނުމަށެވެ.
މިފަދަ މަޖާ އަދި އާދަޔާ ޚިލާފު މައްސަލައަކާ ކުރިމަތިލާން ޖެހުމުން ފުލުހުންނަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ފުލުހުން އެ މީހާއަށް ބުނެދިނީ މިއީ ޖިނާއީ ކުށެއް ނޫން ކަމަށެވެ.
އަދި މިކަމުގައި އޭނާއަށް ކުރެވިދާނެ ކަން ފުލުހުން ވަނީ ކިޔާދީފައެވެ. އޭގެ ތެރޭގައި މަސް ވިއްކި ފަރާތް ކައިރިއަށް ގޮސް ބަދަލު ހޯދުމަށް އެދެވިދާނެ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ބަލާ އިދާރާތަކަށް މަހުގެ ފެންވަރާ މެދު ސުވާލު އުފެދޭނަމަ ޝަކުވާ ހުށަހެޅި ދާނެކަމަށް ވަނީ ކިޔާދީފައެވެ.
މި ހަބަރު ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔުމާއެކު ގިނަ ބަޔަކު ދަނީ މަޖާ ކޮމެންޓުތައް ކުރަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ ބަކަރި މަހުގެ ބަދަލުގައި "ރަބަރު" މަހެވެ. އަނެއް ބަޔަކު ބުނަނީ މިއީ ކާބޯތަކެތީގެ ފެންވަރު ދަށްވުމުގެ ސަބަބުން ދިމާވާ ސީރިއަސް މައްސަލައެއް ކަމަށެވެ.
މަސް ނުކެކުމަކީ ބައެއް ފަހަރު އެ ޖަނަވާރުގެ އުމުރުން ދުވަސްވުމުން ނުވަތަ މަސް ރައްކާކޮށްފައި ހުރި ގޮތަކުން ދިމާވާ ކަމެކެވެ. ނަމަވެސް މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ.





