ސްޕެއިނުން އިޒްރޭލް ކުށްވެރި ކޮށްފި

ސްޕެއިނުން އިޒްރޭލް ކުށްވެރި ކޮށްފި

ލުބުނާނުގެ މަދަނީ އިންފްރާސްޓްރަކްޗާ ތަކަށާއި އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ހަމަލާދިނުމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ރާވަމުންދާ ކަމަށް ބުނެ، އިސްރާއީލުގެ އޮފިޝަލުން ދެއްވާފައިވާ ބަޔާންތަކާ ގުޅިގެން ސްޕެއިން ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސްޕެއިންގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލިޓާނީ ކޯރުގެ މަތީގައިވާ ހުރިހާ ބްރިޖްތަކެއް ހަލާކު ކޮށްލުމަށާއި، ލުބުނާނުގެ ބޯޑަރު ކައިރީގައިވާ އަވަށްތަކުގައި ހުރި އާންމުންގެ ގެދޮރު ސުންނާފަތި ކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަމުރުކޮށްފައިވާ ކަމަށް ބުނާ ބުނުމަކީ "ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު، ރޭވިގެން ހިންގާ ޖަރީމާއެއް" ކަމަށެވެ.

ސްޕެއިންއިން ބަޔާންކުރި ގޮތުގައި، އާންމުން ދިރިއުޅޭ ގެދޮރާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެއްވެސް ހާލެއްގައި އަސްކަރީ އަމާޒުތަކެއްގެ ގޮތުގައި ބެލެވޭނެ ތަންތަނެއް ނޫނެވެ. މިފަދަ ހަމަލާތަކުގެ ސަބަބުން ކުށެއްނެތް އެތައް އާންމުންނެއްގެ ދިރިއުޅުން ބަރުބާދުވެގެންދާނެ ކަމަށްވެސް އެ ގައުމުން އިންޒާރު ދީފައިވެއެވެ.

މި މައްސަލަ ހޫނުވެފައިވަނީ، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް ދެއްވި ބަޔާނަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވެފައިވަނީ، ހިޒްބުالله އިން ހިންގާ ހަރަކާތްތަކުގެ ބަދަލުގައި ލުބުނާނުގެ ދައުލަތުން "ބޮޑު އަގު" ދައްކަން ޖެހޭނެ ކަމަށާއި، އެގައުމުގެ ގައުމީ އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް ހަމަލާދިނުމަކީ އަދި "ފެށުމެއް" ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ސްޕެއިންއިން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ދެ ކަމަކަށް ގޮވާލާފައެވެ:

އިންސާފު ގާއިމުކުރުން: މިފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ސަލާމަތްވިޔަ ނުދިނުމަށް ފިޔަވަޅު އެޅުން.

ލުބުނާނުގެ ސިޔާދަތު ރައްކާތެރިކުރުން: ލުބުނާނުގެ ސަރަހައްދީ ފުރިހަމަކަމާއި ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމަށް އެ ގައުމުގެ ސަރުކާރަށް އެހީތެރިކަން އިތުރުކުރުން.

2026 ފެބްރުއަރީ 28 ގައި އީރާނަށް ދިން ހަމަލާތަކަށްފަހު، މާރިޗު މަހުގެ ތެރޭގައި އިސްރާއީލުން ވަނީ ލުބުނާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދޭން ފަށާފައެވެ. ރިޕޯޓްތައް ބުނާގޮތުން، މި ހިނގާ މާރިޗު މަހުގެ ތެރޭގައި އެކަނިވެސް ލުބުނާނުން 1،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *