ޔަހޫދީންނާ ގުޅިގެން އެމެރިކާ ފަށާފައިވާ ހަނގުރާމައިން ސަލާމަތްވުމަށް، ދޮގު ޚަބަރު ފަތުރައި ތެލުގެ ބާޒާރަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް އީރާނުގެ އިސްވެރިން ތުހުމަތު ކޮށްފިއެވެ.
އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާޤިރު ޣާލިބާފީ ވިދާޅުވީ، ރައީސް ޓްރަމްޕް ދައްކަވަމުން ގެންދަވާ "ކާމިޔާބު މަޝްވަރާތަކެއް" ކުރެވޭ ކަމުގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
"އެމެރިކާއެކު އެއްވެސް މަޝްވަރާއެއް ކުރެވިފައެއް ނުވޭ،" ޣާލިބާފީ ވިދާޅުވިއެވެ.
ހަތަރުވަނަ ހަފްތާއަށް ދިގުދެމިގެން ދިޔަ ހަނގުރާމައިގެ ތެރޭގައި، އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ބޮޑު ބައެއް ދަތުރުކުރާ މި ކަނޑުއޮޅި ބަންދުވުމާ ގުޅިގެން އެމެރިކާގެ އިގްތިސާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް ގޮސްފައެވެ.
ޓްރަމްޕް ވަނީ ކަނޑުއޮޅި ނުހުޅުވައިފި ނަމަ، 48 ގަޑިއިރުގެ ތެރޭގައި ހަމަލާ ދެއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، ފަހުން ވިދާޅުވީ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ ހައްލު ހޯދޭނެ ކަމަށާއި، ނޫން ނަމަ ހަމަލާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕާކިސްތާން، މިސްރު، އަދި ތުރުކީ ފަދަ ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ދެ ފަރާތުގެ ވާހަކަތަކުން ހާމަވަނީ ހައްލެއް ލިބުމުގެ ކުރިން ވަރަށް ދިގު ހިސާބެއް ކަޑަތުކުރަން ޖެހޭ ކަމެވެ.





