އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް: ރަޝިއާ

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް: ރަޝިއާ

އީރާނުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒު ތަކަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، މީގެ ސަބަބުން މެދުއިރުމަތީގައި ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި، އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އަސްކަރީ، މަދަނީ އަދި ނިއުކްލިއާ އިންފްރާސްޓްރަކްޗާއަށް ދެމުންދާ ވަރުގަދަ ހަމަލާތައް ވަނީ ކުށްވެރިކުރައްވާފައެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ހަމަލާތައް ދެނީ އާންމުންގެ ފުރާނައަށާއި، ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކަށް އެއްވެސް ބެލުމެއް ނެތިއެވެ.

ޒަޚަރޯވާ ފާހަގަކުރެއްވި ގޮތުގައި، ބައިނަލްއަގުވާމީ އެޓޮމިކް އެނާޖީ އެޖެންސީ (IAEA) ގެ ބެލުމުގެ ދަށުން ހިންގާ ނަތަންޒްގައި ހުންނަ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒަށް ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ އަނެއްކާވެސް ހަމަލާދީފައެވެ. މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް މިދިޔަ އަހަރު އެމެރިކާގެ ހަމަލާތަކުގައި ހަލާކުކޮށްލާފައިވާ ކަމަށް ބުނާ ބުނުމާ ފުށުއަރާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އދ. ގެ ޗާޓަރާއި، އައި.އޭ.އީ.އޭ ގެ ގަވާއިދުތަކުގެ އިތުރުން އދ. ގެ ސަލާމަތީ މަޖިލީހުގެ ނިންމުންތަކާވެސް ހިލާފު، ވަރަށް ނުރައްކާތެރި އަމަލެއް،" ޒަޚަރޯވާ ވިދާޅުވިއެވެ.

އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށާއި، އދ. އަދި އައި.އޭ.އީ.އޭ ގެ ލީޑަޝިޕަށް ގޮވާލައްވައި، މި ނުރައްކާތެރި އަމަލުތަކާ މެދު ވަކި ފަރާތަކަށް ނުޖެހި، ހަރުދަނާ ދިރާސާއެއް ކުރުމަށް އެދިވަޑައިގެންފައެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 'ޝަހީދު އަހުމަދީ ރޯޝަން' ގެ ނަމުން ނަންދެވިފައިވާ ނަތަންޒްގެ ނިއުކްލިއާ ކޮމްޕްލެކްސްއަށް ހޮނިހިރު ދުވަހު ދިން ހަމަލާއަކީ އެމެރިކާ އާއި އިސްރާއީލް ގުޅިގެން ދިން "ޖަރީމާއެއް" ކަމަށެވެ. މި މަރުކަޒަށް މީގެ ކުރިން މި މަހުގެ 2 ވަނަ ދުވަހު ވެސް ވަނީ ހަމަލާދީފައެވެ.

މެދުއިރުމަތީގައި މަސްރަހު ގޯސްވެ، އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ފެބުރުވަރީ 28 ގައެވެ. އޭގެ ރައްދުގައި އީރާނުން ވެސް ދަނީ އިސްރާއީލަށާއި އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *