އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފައިވަނީ އެމެރިކާއިން އެގައުމުގެ ނިއުކްލިއަރ އިންޖީނުގެތަކަށް ހަމަލާދީފިނަމަ، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅި "އެއްކޮށް" ބަންދު ކުރާނެ ކަމަށެވެ.
އައިއާރުޖީސީން ނެރުނު ބަޔާނެއްގައި އިންޒާރު ދީފައިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ އިންޖީނު ގެތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ ދެއްވާފައިވާ އިންޒާރުތަކާ އެއްގޮތަށް އެމެރިކާއިން އަމަލުކޮށްފިނަމަ، ހަލާކުވާ ތަންތަން އަލުން ބިނާކޮށް ނިމެންދެން ހޯރްމޫޒް ކަނޑުއޮޅި އަލުން ނުހުޅުވާނެ ކަމަށެވެ.
މީގެ އިތުރުން، އީރާނުން ދޭ ރައްދު ހަމަލާތަކުގައި އިސްރާއީލުގެ އިންޖީނުގެތަކާއި، ހަކަތައިގެ އުމްރާނީ ވަސީލަތްތަކާއި، މައުލޫމާތާއި މުވާސަލާތީ ޓެކްނޮލޮޖީގެ (ICT) ނިޒާމުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އައިއާރުޖީސީގެ އިންޒާރުތައް ހަމައެކަނި އެމެރިކާއާއި އިސްރާއީލަށް އެކަންޏެއް ނޫނެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ ސިފައިންނަށް މަރުހަބާ ކިޔައި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ސަރަހައްދީ ގައުމުތަކުގައި ހުރި އިންޖީނުގެތަކަށްވެސް އީރާނުން ހަމަލާދޭނެއެވެ.
މި އިންޒާރުތައް އައިސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް ބޭރު ގައުމުތަކަށް ފޮނުވުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަގު ކަމަށްވުމުން، އެ ކަނޑުއޮޅި ބަންދުކޮށްފިނަމަ ދުނިޔޭގެ އިގްތިސާދަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މާހިރުން ލަފާކުރެއެވެ.





