ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ރޭ ސަރުކާރު ހިންގާ ޕާޓީއިން ބޭއްވި ޖަގަހަ ޖަލްސާގައި، ރައީސް އަބްދުﷲ ޔާމީނަށް ދޭން ޓުއަރިޒަމް މިނިސްޓަރު މުހައްމަދު އަމީނު މެސެޖެއް ދެއްވި ކަމަށް، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމު ޝުޖާއު ވިދާޅުވެ، ހެއްދެވީ ދޮގު ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެެވެ.
ޝުޖާއު ހެއްދެވީ ދޮގެއްކަން އެނގުނީ ޓުއަރިޒަމް މިނިސްޓަރު ކެޕްޓަން އަމީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި "ސަންގު" ނޫހުގެ ނޫސްވެރިޔާ ވަނީ، ރައީސް ޔާމީނަށް ރައްދު ކޮށްދިނުމަށް އެދި މެންބަރު ޝުޖާއުއަށް އެއްވެސް މެސެޖެއް މިނިސްޓަރު އަމީން ދީފައިވާނެތޯ އަހާ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، އެފަދަ ދަށު ދަރަޖައިގެ ކަމެއް ނުކުރާ ކަމަށާއި، އެއްވެސް މީހަކަށް ދޭން ބޭނުންވާ މެސެޖެއް އޮތް ނަމަ އެ މެސެޖެއް ނުވަތަ ބަހެއް ބުނާނީ އަމިއްލައަށް ކަމަށެވެ.
"އަޅުގަނޑަކީ އެއްވެސް މީހަކު މެދުވެރިކޮށް އެއްވެސް މީހަކަށް މެސެޖެއް ދީގެން، މިހާތަނަކަށް އަޅުގަނޑަށް ދޭން ބޭނުންވާ މެސެޖެއް އަޅުގަނޑަށް ދެވޭނެ، އެފަރާތަކަށް އިނގޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.
އެ ޖަލްސާގައި ސުޖާއު ވިދާޅުވީ، ވައިޑްބޮޑީގެ ދެވަނަ ފްލައިޓެއް ގެންނަ ކަމަށާއި، ޓޫރިޒަމް އެރައިވަލް ރީޗުވާނެ ކަމަށާއި، އަދި ޕެސިފިކަށް ރާއްޖެއިން ދަތުރު ކުރަން ފަށައިފި ކަމަށް ދަންނަވައިދިނުމަށާއި، އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ނުވެ އޮތް ކަމަކަށް ވުމުން ކަމަށްވެސް ބުނެ، އަމީންގެ ފަރާތުން ރައީސް ޔާމީނަށް މެސެޖެއް ދެއްވި ކަމަށެވެ.





