އީރާނާ ހަނގުރާމަ ކުރުމަށްޓަކައި އެއްގަމު ސިފައިން ފޮނުވަން ކުރިން ރޭވިނަމަވެސް، މިހާރު އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ޖަޕާނުގެ ބޮޑުވަޒީރު ސަނާއި ތަކައިޗީ އާ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާނާ ހަނގުރާމަ ކުރުމަށް އެއްގަމު ސިފައިން ފޮނުވުމަކީ އެމެރިކާ ކުރާނެކަމެއް ނޫންކަމަށާ އެވިސްނުން މިހާރު ދޫކޮށްލާފައިވާ ކަމުގައެވެ.
"އެއްގަމު ސިފައިން އީރާނަކަށް ނުފޮނުވާނެ. އެއްގަމު ސިފައިން ނުފޮނުވައިވެސް އެމެރިކާއަށް އީރާން ފަސޭހައިން ބަލިކުރެވޭނެ. އީރާނުގެ މައްޗަށް ބޮޑު ކާމިޔާބަކުން ކާމިޔާބު ހޯދޭނެ" ޓްރަމްޕް ވިދާޅުވިއެވެ. އެއްގަމު ސިފައިން ނުފޮނުވަން ނިންމި ސަބަބު ޓްރަމްޕް ވިދާޅެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން އެމެރިކާ އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލުންވަނީ އެއްގަމު ސިފައިން އީރާނަށް ފޮނުވުމަކީ އީރާނުން އެމެރިކާ ސިފައިންގެ ބަޔަކު އަސީރުންގެ ގޮތުގައި ހައްޔަރުކުރުމުގެ ފުރުސަތު ބޮޑުކަމެއްކަން ތަކުރާރުކޮށް ޓްރަމްޕަށް ދަންނަވާފައެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުގެ މިސައިލްތަކުގެ 90 ޕަސެންޓް ހަލާކު ކޮށްލާފައިވާ ކަމަށާ، ރާޑާ، ޑްރޯން، ނިއުކްލިއާ ގާބިލްކަން، އަދި ލީޑަރޝިޕް ވެސް ވަނީ ފުނޑާލެވިފައި ކަމަށެވެ.
ނަމަވެސް، ހުރުމުޒް ކަނޑުއޮޅި ހުޅުވުމަށް އެމެރިކާ މަނަވަރުތައް ފޮނުވަން ފަސްޖެހި، ދުރަށް ގެންދިޔަ ސަބަބެއް ބުނެދެވިފައެއް ނުވެއެވެ. އަދި ހުރިހާ މިސައިލްތައް ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވަމުން، ގަލްފާ އިސްރާއީލަށް އީރާނުން ހަމަލާތައް ދެނީ ކިހިނެއްކަމާ ބެހޭ ގޮތުންވެސް ތަފްސީލެއް ދެވިފައެއް ނުވެއެވެ.





