ކޮންމެ އިންސާނަކީވެސް ދެ ސޫރައެއްގެ ވެރިއެކެވެ. އެކަކީ އާންމުންގެ ކުރިމަތީގައި ފެންނަން ހުންނަ، މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ބަނދެވިފައިވާ މީހާއެވެ. އަނެކަކީ އަމިއްލަ ގޭތެރޭގައި، އާއިލާގެ މީހުންނަށް ފެންނަ، އޯގާތެރި އަދި މަޑުމައިތިރި ސޫރައެވެ.
އީރާނުގެ މަޝްހޫރު ސިޔާސީ ލީޑަރު ޑރ. އަލީ ލަރީޖާނީގެ ދިރިއުޅުމުން ފެންނަނީ މި ދެންނެވި ހަގީގަތުގެ ވަރަށް ތަފާތު މިސާލެކެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ބަހާރު މޫސުމުގެ ހަވީރެއްގައި ލަރީޖާނީގެ އަނބިކަނބަލުންނާ ބައްދަލުވި ރަހުމަތްތެރިއަކު ހިއްސާކުރި ވާހަކަ ތަކުން، ލަރީޖާނީގެ "ދެވަނަ ސޫރަ" ވަރަށް ރީތިކޮށް ހާމަވެގެންދެއެވެ. އެ ބައްދަލުވުމަކީ އަނބިކަނބަލުންގެ މަންމައާ ބެހޭގޮތުން ވާހަކަ ދެއްކުމަށް ހަމަޖެހިފައި އޮތް ބައްދަލުވުމެއް ނަމަވެސް، މުޅި މަޖިލީހުގައި ގުގުމަމުން ދިޔައީ "އަލީ"ގެ ވާހަކައެވެ.
އަނބިކަނބަލުން ވިދާޅުވި ގޮތުގައި، އަލީ ގޭގައި ނޫޅޭ ވަގުތު ތަކަކީ އޭނާގެ ދެ އަތް ކަނޑާލެވިފައިވާ ކަމުގެ އިހުސާސް ކުރެވޭ ވަގުތުތަކެކެވެ. އީރާނުގެ ގައުމީ ސަލާމަތާއި ދިފާއީ ބޮޑެތި ޒިންމާތައް ކޮނޑުއަޅުއްވައިގެން އުޅުއްވާ މި ވަރުގަދަ ޝަޚްޞިއްޔަތަކީ، ގޭތެރެއަށް ވަދެވަޑައިގަތުމާއެކު އާދައިގެ ކޮންމެ ފިރިއަކަށްވުރެ މާ އޯގާތެރި ބޭފުޅެކެވެ. ގޭތެރޭގެ އާދައިގެ މަސައްކަތްތަކުގައި، އަންބަކު އެދުމަކާ ނުލައި އެހީތެރިވެ ދެއްވުމަކީ އޭނާގެ އާދައެވެ. ބާޒާރުން ގެންނަ ތަކެތި އަތުރައި، ތަރުކާރީ އާއި ކުކުޅު ސާފުކޮށް، ތަށިދޮވުމުގެ މަސައްކަތަކީ އަލީ ލަރީޖާނީ ފޫހިކަމެއް ނެތި ކުރައްވާ ކަންކަމެވެ.
މި ވާހަކަ ތަކުން ހައިރާންކަން ލިބެނީ، މުޅި ދުނިޔޭގެ ބާރުގަދަ ގައުމުތަކުން ފާރަލަމުންދާ، އަދި ގައުމެއްގެ އެންމެ ނާޒުކު ސަލާމަތީ ކަންކަން ބަލަހައްޓަވާ ބޭފުޅަކު، ގޭތެރޭގައި އެހާ ހިތްތިރިކަމާއެކު އުޅުއްވާތީއެވެ.
އީރާނާއި އިސްރާއީލާ ދެމެދު ހިނގި ބާރަ ދުވަހުގެ ހަނގުރާމައަށްފަހު، ގާތްގަނޑަކަށް ހަ މަސް ދުވަސް ވަންދެން އޭނާއަށް އާދައިގެ ދިރިއުޅުމެއް އުޅުއްވުމުގެ ފުރުސަތެއް ނުލިބުނެވެ. އެއީ އޭނާގެ ފުރާނައަށް އޮތް ނުރައްކަލުގެ ބޮޑު ކަމުންނެވެ.
އަލީ ލަރީޖާނީގެ ޝަޚްޞިއްޔަތަކީ ހަރުދަނާ، ތަޖުރިބާކާރު، އަދި ކޮންމެ ކަމެއްގައިވެސް ކެތްތެރިކަމާއެކު ނިންމުންތައް ނިންމަވާ ސިޔާސީ މޭސްތިރިއެކެވެ. ނަމަވެސް އޭގެ ފުރަގަހުގައި ވަނީ ޒުވާން ހިތެއްގެ ވެރި، ލޯބިވެތި އަދި އާއިލީ ގުޅުންތަކަށް އިސްކަންދޭ އޯގާތެރި އިންސާނެކެވެ.
ދުނިޔޭގެ ސިޔާސީ މަސްރަހުގައި އޭނާއަކީ "ވަރުގަދަ ފަރުބަދައެއް" ކަމުގައި ވިޔަސް، ގޭތެރޭގައި އޭނާއަކީ އޯގާތެރިކަމުގެ ނަމޫނާއެކެވެ. މިއީ ހަގީގީ ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައެވެ. އެއީ ބޮޑެތި މަސްއޫލިއްޔަތުތަކާ އެކުވެސް، އިންސާނިއްޔަތުކަމާއި އާއިލީ ޒިންމާތައް ހަނދާން ނައްތާނުލުމެވެ.





