މިއީ ރޯދައިގެ އަޅުކަން އަދާކުރެވުނީތީ ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް: ޚުތުބާ

މިއީ ރޯދައިގެ އަޅުކަން އަދާކުރެވުނީތީ ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސް: ޚުތުބާ

ފިޠުރު ޢީދު ދުވަހަކީ ރަމަޟާން މަހުގެ އަޅުކަން އަދާކުރެވުނުކަމަށްޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސްކަމަށް ޢީދު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މުޅި ރާއްޖޭގައި މިއަދު އިއްވެވި ޢީދު ޚުތުބާގައި ވިދާޅުވީ ފިޠުރު ޢީދު ދުވަހަކީ އަޅުގަނޑުމެންނަށް ހިދާޔަތް ދެއްވި ކަމަށްޓަކައި، މާތް اللهއަށް ޝުކުރުކޮށް، އުފާފާޅުކޮށް، މާތް ﷲގެ މަތިވެރިކަން ބަޔާންކޮށް، ތަކުބީރުގެ އަޑު އުފުލާންވީ ދުސް ކަމަށެވެ. އަދި މުސްލިމުންގެ ޢީދު ޒީނަތްތެރިކުރާންވީ ތަކުބީރުން ކަމަށްވެސް ޚުތުބާގައި ވިދާޅުވިއެވެ.

ޢީދު ދުވަހު މާތް الله ދެއްވައިފައިވާ ގިނަގުނަ ނިޢުމަތްތަކުގެ މަތީން ހަނދުމަކުރުމަށް ޢީދު ޚުތުބާގައި ގޮވާލެއްވިއެވެ. އަދި އެ ކަލާނގެ އަޅަމެންނަށް ދެއްވައިފައިވާ އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީން ކަމަށާއި ދީންމަތީގައި ސާބިތުވެ ތިބުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

މުސްލިމުންގެ ޢީދުން ފެންނަނީ، އެއްބައިވަންތަކަން ފާހަގޮށް ޚުތުބާގައި ވަނީ ހަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކުވެރިވުމަށް ގޮވާލާފައެވެ. އަދި ކޮންމެ މީހަކު ވެސް، އަނެކާގެ ޙައްޤުތައް އަދާކުރަން ޖެހޭއިރު މުސްލިމުން ފުރަތަމަ އަދާކުރާންވީ މާތް اللهގެ ހައްޤުތައް ކަމަށާއި އެއީ ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުންކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޢީދު ދުވަހު ކޮންމެ މީހަކުވެސް އެ މީހެއްގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުކުރަން ޖެހޭކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ. އަދި ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން ހަދިޔާ ބަދަލުކުރުމަށާއި މިއަދަކީ ރޯދައިގެ އަޅުކަން އަދާކުރެވުނުކަމަށް ޓަކައި ޝުކުރުކޮށް، ދީލަތިވުމުގެ ދުވަސްކަންވެސް ފާހަގަކުރެއްވިއެވެ.

އިސްލާމީ ޢީދުތައް ފެށެނީ، އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންކަން ފާހަގަކުރައްވައި ޚުތުބާގައި ވިދާޅުވީ މާތްالله އަށް ޝުކުރުދެންނެވުމަށް ކުރާ ޢީދފު ނަމާދުގެ ސަބަބުން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް، ތަހުނިޔާ ބަދަލުކުރެވޭ ކަމަށެވެ. އަދި އިސްލާމީ ޢީދަކީ އެ ކަމުގައި އެންމެން ބައިވެރިކުރާން ޖެހޭ އިޙުތިފާލެއް ކަމަށާއި މި އިޙުތިފާލުތަކުގައި އެހެން ނަސްލުތަކުގެ މުސްލިމުންވެސް ބައިވެރިކުރާންވާނެ ކަމަށް ވިދާޅުވިއެވެ.

"ޢީދުގެ ކުރީން މުއްސަނދީން ފިޠުރުޒަކާތް ނެރެ، ފަޤީރުންނާއި މިސްކީނުން، މި އުފަލުގައި ބައިވެރިވާން މަގުފަހިކޮށްދެއެވެ. ޢީދުނަމާދުގެ ކުރީން ފިޠުރު ޒަކާތް ނެރުމަށް އަންގަވައިފައި ވަނީ، މި ސަބަބަށް ޓަކައެވެ. މުސްލިމް އަޚުންނާއި އުޚުތުންނޭވެ! ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުގައި ހިފަހައްޓާން ހަނދާންކޮށްދެމެވެ! އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް އަހަރެމެންގެ ޢީދުތަކުގައި ޖާގަނުދޭށެވެ!" ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ ރޯދައަކީ، ތަރުބިޔަތުގެ މަދަރުސާއެއް ކަމަށާއި އިސްލާމްދީނަކީ، އެ ދީނުގެ ޝިޢާރުތަކުގެ ތެރެއިން، ބަދަހި މުޖުތަމަޢެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެއް ކަމަށެވެ. މި ތަމްރީނުގެ އަމާޒަކީ، ދީނުގެ ހަމަތަކުގެ މަތީގައި މުޅި އުންމަތް އަޚުވަންތަކުރުން ކަމަށްވެސް ވިދާޅުވިއެވެ.

ފިޠުރު ޢީދުގެ ޚުތުބާގައި ޝައްވާލުމަހުގެ ހަ ރޯދަ ހިފުމަށާއި ރޯދަ މަހަށް ފަހުވެސް ނަމާދު ޤާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ވަނީ ނަސޭހަތްތެެރިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *