އީރާނާއެމެރިކާގެ ނެޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

އީރާނާއެމެރިކާގެ ނެޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު އިސްތިއުފާ ދެއްވައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަކީ ޔަހޫދީ އިޒްރޭލުގެ ނުފޫޒުން ކުރާ ކަމެއް ކަމަށް ބުނެ، އެމެރިކާގެ ނެޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖޯ ކެންޓު މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

އެމެރިކާގެ ނެޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރުގެ އިސްވެރިޔާގެ މަޤާމުން ޖޯ ކެންޓު އިސްތިޢުފާ ދެއްވީ، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ މެދު އޭނާގެ ހިތްހަމަނުޖެހުން އޮތުމުންނެވެ.

އެމެރިކާގެ ނޭޝަނަލް ކައުންޓަރޓެރަރިޒަމް ސެންޓަރަކީ ޓެރަރިޒަމާއި ގުޅުންހުރި ނުރައްކާތަކާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށާއި ޤައުމީ ޖާސޫސީ ޑިރެކްޓަރަށް ލަފާއަރުވާ އެންމެ މަތީ ފަންތީގެ ޤައުމީ އިދާރާއެވެ.

މަޤާމުން އިސްތިޢުފާ ދެއްވި ކަމުގެ ސިޓީ މީސްމީޑިޔާގައި ޙިއްޞާ ކުރައްވަމުން ކެންޓު ވިދާޅުވީ، މިހާރު ހިނގަމުންދާ ހަނގުރާމައަށް ތާއީދު ކުރުމަށް އޭނާގެ ޟަމީރު ފުރުޞަތު ނުދޭ ކަމަށެވެ.

އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އީރާނުގެ ފަރާތުން އެމެރިކާއަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެފައި ނުވި ނަމަވެސް، އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ޔަހޫދީންނާއި ޔަހޫދީންނަށް ތާއީދުކުރާ އެމެރިކާގެ ބާރުގަދަ ލޮބީ ގްރޫޕްތަކުގެ ފިއްތުންތަކުގެ ސަބަބުންނެވެ.

ޖޯ ކެންޓު ވަނީ އޭނާގެ އެކްސް (ކުރީގެ ޓްވިޓާ) އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި، ރައީސް ޓްރަމްޕާއި ޤައުމީ ޖާސޫސީ ޑިރެކްޓަރުގެ ދަށުން މަސައްކަތް ކުރުމަކީ ލިބުނު ޝަރަފެއް ކަމަށް ފާހަގަކުރައްވައި، ނަމަވެސް ބޭކާރު ހަނގުރާމައަކަށް އެއްބާރުލުން ނުދެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

2019ވަނަ އަހަރު ކެންޓްގެ އަނބިކަނބަލުން އައިސިލްގެ ޙަމަލާއެއްގައި އަވަހާރަވުމާ ގުޅޭ ގޮތުން ވެސް އޭނާގެ އިސްތިޢުފާ ސިޓީގައި ވާހަކަ ދައްކަވާފައިވެއެވެ. އެ ގޮތުން އޭނާގެ އަނބިކަނބަލުން އަވަހާރަވީ ޔަހޫދީން އުފެއްދި ހަނގުރާމައެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިސްތިޢުފާއާ ގުޅިގެން އެމެރިކާގެ ސަރުކާރުގެ ތެރޭގައި އީރާނާ މެދު ގެންގުޅޭ ސިޔާސަތުތަކާ މެދު އުފެދިފައިވާ ޚިޔާލުތަފާތުވުންތައް މިވަނީ އިތުރަށް ހާމަވެގެން ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *