ސެނެގޯލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދޭން ނިންމައިފި

ސެނެގޯލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދޭން ނިންމައިފި

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (CAF) ގެ އެޕީލް ބޯޑުން މިއަދު ނެރުނު ނިންމުމެއްގައި، 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް (AFCON) ގެ ފައިނަލް މެޗުން ސެނެގަލް ބަލިވިކަމަށް ކަނޑައަޅައި، މުބާރާތުގެ ތަށި މޮރޮކޯއަށް ދޭން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަން (FRMF) އިން ހުށަހެޅި އިސްތިއުނާފު މައްސަލައަކާ ގުޅިގެންނެވެ. އެފްކޮންގެ ގަވާއިދުގެ 82 ވަނަ މާއްދާއާއި 84 ވަނަ މާއްދާއާ ސެނެގާލް ޓީމުން ޚިލާފުވެފައިވާތީ، އެ މެޗުގެ ނަތީޖާއަކީ 3-0 އިން މޮރޮކޯ މޮޅުވުން ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

މިދިޔަ ޖެނުއަރީ މަހު މުބާރާތް ބޭއްވި ގައުމު މޮރޮކޯ އަތުން 1-0 އިން މޮޅުވެ، ސެނެގާލުން ފަސް އަހަރު ތެރޭ ދެ ވަނަ ފަހަރަށް، އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދިއެވެ.

މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ، މިއީ މެޗުން ބަލިވުމުން، ނަަތީޖާ ބަދަލުކުރުމުގެ އަމާޒުގައި ތަށި ހޯދަން ކުރި އެޕީލެއް ކާމިޔާބުކުރީ ނޫން ކަމަށާއި މިއީ، މުބާރާތުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމުގެ ގޮތުން ކުރި އެޕީލެއް ކަމަށެވެ.

މޮރޮކޯ އިން 1976 ވަނަ އަހަރަށް ފަހު އެފްރިކަން ކަޕް ހޯދަން ކުރި އިންތިޒާރު މި ވަނީ، 50 އަހަރަށް ފަހު ނިމުމަކަށް އަތުވެފަ އެވެ.

އެޕީލް ބޯޑުގެ ނިންމުމުގައި ފާހަގަކޮށްފައިވާ މުހިންމު ކަންތައްތައް:

  1. މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުން ހުށަހެޅި އިސްތިއުނާފު ބަލައިގަނެ، އެ މައްސަލަ ވަނީ ކާމިޔާބުވެފައެވެ.
  2. ކުރިން ކެފްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުން މިހާރު ވަނީ ބާތިލުކޮށްފައެވެ.
  3. ސެނެގާލް ޓީމުގެ އަމަލުތައް ހުރީ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ގަވާއިދުގެ 82 ވަނަ މާއްދާއާއި 84 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބޯޑަށް ސާބިތުވެފައިވެއެވެ.
  4. ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ގަވާއިދާ ޚިލާފުވެފައިވާތީ، މެޗުން އެ ޓީމު ބަލިވިކަމަށް ނިންމައި، މޮރޮކޯއަށް މެޗުގެ ތިން ޕޮއިންޓާއި ތަށި ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި ނިންމުމާއެކު، ސެނެގާލްގެ އަތުން ތަށި ގެއްލި، މޮރޮކޯ ވަނީ 2025 ވަނަ އަހަރުގެ އެފްރިކާގެ ޗެމްޕިއަނުންގެ ގޮތުގައި ރަސްމީކޮށް އިޢުލާންކުރެވިފައެވެ. މިއީ އެފްރިކާގެ ފުޓްބޯޅައިގައި ފަހުގެ ތާރީޚެއްގައި ނިންމި އެންމެ ހައިރާންކުރަނިވި އެއް ނިންމުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *