ހަނގުރާމަ ދާނެ މިސްރާބެއް ޓްރަމްޕަކަށް ނޭނގެ: ސެނެޓަރ ވެން ހޮލެން

ހަނގުރާމަ ދާނެ މިސްރާބެއް ޓްރަމްޕަކަށް ނޭނގެ: ސެނެޓަރ ވެން ހޮލެން

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެއްވެސް އިސްތިރާޖީ ރޭވުމެއް ނެތް ކަމަށާއި، މި ހަނގުރާމަ ނިމިގެންދާނެ ގޮތެއް ނުވަތަ ދާނެ މިސްރާބެއް ޓްރަމްޕަށް އެނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ އިސް ސެނެޓަރ ކްރިސް ވެން ހޮލެން ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާގެ "ދަ ބޮޓަމް ލައިން" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައި، ސެނެޓްގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރު ވެން ހޮލެން ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕް މި ހަނގުރާމަ "ވަރަށް އަވަހަށް" ނިމޭނެ ކަމަށް ވިދާޅުވި ނަމަވެސް، ހަގީގަތަކީ އެމެރިކާ މިހާރު ވަނީ ނިމުމެއް ނެތް ވަރުގަދަ އަސްކަރީ ކޯޅުމެއްގެ ތެރެއަށް ވަދެފައެވެ.

ވެން ހޮލެން ތުހުމަތު ކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ސިޔާސަތުތަކުގައި ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ "ސަބްކޮންޓްރެކްޓަރެއް" ނުވަތަ އޭނާގެ ބުނުމަށް ކަންކަން ކުރާ ޖޫނިއަރ ޕާޓްނަރެއްގެ ދަރަޖައަށް ވެއްޓިފައެވެ.

"މި ހަނގުރާމައިގެ ލަނޑުދަނޑިތައް ކަނޑައަޅަނީ ނަތަންޔާހޫ. އެމެރިކާގެ ދައުރަކީ ހަމައެކަނި އެކަމަށް އެހީތެރިވުން،" ސެނެޓަރ ވިދާޅުވިއެވެ.

ހަނގުރާމަ އިތުރަށް ފުޅާވަމުންދާ ދަނޑިވަޅެއްގައި، ރައީސް ޓްރަމްޕަށް އަމިއްލަފުޅަށް ހަނގުރާމަ އިއުލާންކޮށް، ކުރިއަށް ގެންދިއުމަށް އޮތް ބާރުތައް ހަނިކުރުމަށް "އީރާން ވޯ ޕަވަރސް ރިޒޮލިއުޝަން" ފާސް ކުރުމަށް ވެން ހޮލެން ވަނީ ގޮވާލައްވާފައެވެ.

އޭނާ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ނެތި މިފަދަ ބޮޑު ހަނގުރާމައެއް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ފެށި މި ހަނގުރާމައިގައި އީރާނުގެ އާންމުން ދިރިއުޅޭ އެތައް ހާސް ތަނަކަށް ގެއްލުން ލިބި، ގިނަ އަދަދެއްގެ ބަޔަކު މަރުވަމުންދާކަން ފާހަގަ ކުރައްވައި، ވެން ހޮލެން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ޓްރަމްޕްގެ "ބޯޑް އޮފް ޕީސް" އަކީ ހަމައެކަނި ދެއްކުންތެރި ކަމެއް ކަމަށާއި، އޭގެ ސަބަބުން ބިންމަތީގައި އޮތް ހާލަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަސްދީގަތުމަކީ، ޓްރަމްޕްގެ ސަރުކާރުން އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކާއި ތެޔޮ ވަސީލަތްތަކަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުން ކުރިމަތިވަމުންދާ ވަރުގަދަ ފާޑުކިއުންތައް ހާމަކޮށްދޭ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *