އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އަސްކަރީ ބާރު ބޭނުން ކުރަން ނިންމައި، ތެޔޮ ޓޭންކަރު ތަކަށް ހިމާޔަތް ދިނުމަށް ކަނޑުގެ ސިފައިން ފޮނުވުމަށް އަމުރު ކޮށްފިއެވެ.
އެހެންނަމަވެސް، އީރާނުން ވަނީ ހޮރްމޫޒު ކަނޑުއޮޅި ހުރަސް ކުރަން ދިޔަ ތެޔޮ ޓޭންކަރު ތަކަކަށް ހަމަލާދީ ބައެއް ޓޭންކަރުތައް ގޮއްވާލާފައެވެ.
ހަމަލާ ދީފައިވަނީ ހަމައެކަނި ތެޔޮ ޓޭންކަރު ތަކަކަށް ނޫންކަންވެސް ފާހަގަ ކުރެވެއެވެ. އެމެރިކާ ސިފައިންގެ ހިމާޔަތް ލިބޭނޭ ކަމުގެ ޔަގީންކަންދީ ހުރަސް ކުރަން ފޮނުވި ބައެއް އެހެން ޓޭންކަރު ތަކަށްވެސް ހަމަލާ އެރިއެވެ. ނަތީޖާއެއްގެ ގޮތުން ހޮރްމޫޒު ކަނޑުއޮޅިން ދަތުުރުު ކުރުން ވަނީ ހުއްޓިފައެވެ.
ކަނޑުއޮޅީގެ އަޑީގައި އީރާނުން މައިން ފަތުރަމުންދާ ކަމުގެ ރިޕޯޓްތައް ލިބުމާ ގުޅިގެން، ގެއްލުންވެދާނެ ކަމުގެ ބިރަށް،. އެ ހިސާބުގައި ތިބި އެމެރިކާގެ ސިފައިންގެ ހަތަރު ވަނަ ލަޝްކަރު ކުރިއަށް ދިއުން ހުއްޓުނެވެ.
މި ހާލަތުގައި ޓްރަމްޕް ވަނީ ފްރާންސް، ޗައިނާ، ޖަޕާން، ދެކުނު ކޮރެއާ، އަދި އިނގިރޭސި ވިލާތް ހިމެނޭ ގޮތަށް، ހޮރްމޫޒް ކަނޑުއޮޅިން ނަފާ ލިބޭ ހުރިހާ ގައުމުތަކަކަށް ސިފައިންގެ ހިމާޔަތް ފޯރުކޮށްދިނުމަށް ގޮވާލައިފައެވެ. މިގޮވާލުމަށް ފްރާންސުން ތަރުހީބު ދިން ނަމަވެސް، އެހެން ގައުމު ތަކުން ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ.
އެމެރިކާއިން އިސްވެ ފެށި ހަނގުރާމައެއްގެ ސަބަބުން އެމެރިކާއަށް ކުރިމަތިވި ބޮޑުތަދު ފިލުވަން އެހެން ގައުމުތަކުގެ އެހީއަށް އެދި ޓްރަމްޕް މިދަނީ ރޮއި ހޭރެމުންނެވެ. އެމެރިކާ އާއި އަދި އެމެރިކާގެ ބައިވެރިންގެ އަސްކަރީ މަނަވަރު ތަކުގެ ހިމާޔަތުގައި ދަތުރުކުރާ ތެޔޮ ޓޭންކަރު ތަކަށް ހަމަލާދީފިނަމަ ހޮރްމޫޒް ކަނޑުއޮޅީގެ އީރާނުގެ މުޅި އައްސޭރިފަށް ސުންނާފަތި ކޮށްލާނޭ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަނީ ދެމުންނެވެ. އެހިސާބުގެ ބައެއް ރަށްތައް ހިފަންވެސް ޓްރަމްޕް ރާވަމުންދާ ކަމަށް ކަށަވަރުނުވާ ރިޕޯތްތައް ބުނެއެވެ.
ހޮރްމޫޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގިއްޖެނަމަ ހަނގުރާމައިން އީރާނު ބަލި ކުރެވިދާނެ ކަމަށް ޓްރަމްޕް މިހާރު ގަބޫލުކުރާ ކަމަށާއި، އެހެންވެ އެ ކަނޑުއޮޅި ހުޅުވަން ކުރެވެން ހުރި ހުރިހާ ކަމެއް ޓްރަމްޕް ކުރާނެ ކަމަށް ވެއެވެ.
ހަމަ އެއާއެކު، ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ގެއްލުމަކީ އީރާނަށް މިހާރު އޮތް ހަނގުރާމައިގެ ކޮންޓްރޯލްވެސް ގެއްލި ހަނގުރާމައިން ބަލި ވެދާނެ ސަބަބު ކަމަށް ބެލެވޭތީ، އެމެރިކާ ހުއްޓުވަން ކުރެވުނުހާ ކަމެއް ކުރަންޖެހޭ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުންވެސް ގަބޫލު ކުރާތީ، އެމީހުންވެސް ތިބީ އެކަމަށް ތައްޔާރު ވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.





