އިސްރާއީލާއި އީރާނުގެ ހަނގުރާމައިގެ ތެރޭގައި، ނަތަންޔާހޫ މަރުވެއްޖެ ކަމަށާއި އޭނާ ފެންނަ ބައެއް ވީޑިއޯތަކަކީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ އެއްޗެހި ކަމަށް ބުނެ ގިނަ އަދަދެއްގެ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.
ނަމަވެސް، މި ހުރިހާ ދަޢުވާތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވި އެއް ޕޯސްޓަކީ، އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ އެކްސް (ޓްވިޓަރ) އެކައުންޓުން އޭނާ މަރުވިކަން އިއުލާންކޮށް، ފަހުން އެ ޕޯސްޓް ޑިލީޓްކޮށްލާފައިވާ ކަމަށް ބުނާ ސްކްރީންޝޮޓެކެވެ.
ނަމަވެސް، ފެކްޓް ޗެކް ކުރާ ފަރާތްތަކުން ހާމަކުރި ގޮތުގައި އެއީ ފޭކް ސްކްރީންޝޮޓެކެވެ. އެފަދަ އެއްވެސް ޕޯސްޓެއް ރަސްމީ އެކައުންޓަކުން ކޮށްފައެއް ނުވެއެވެ.
މި ދޮގު ޚަބަރުތައް އެންމެ ބޮޑަށް ފެތުރިގެން ދިޔައީ ނަތަންޔާހޫ ގައުމާ މުޚާތަބު ކުރައްވާ ދެއްކެވި ވީޑިއޯއެއްގައި އޭނާގެ އެއް އަތުގައި ހަ އިނގިލި ހުރި ކަމަށް ފާހަގަވުމާ ގުޅިގެންނެވެ. މިއީ އެއީ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ "ޑީޕް ފޭކް" ވީޑިއޯއެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އެހެންނަމަވެސް، މާހިރުންނާއި އޭއައި ޗެޓްބޮޓް "ގްރޮކް" އިން ވެސް ކަށަވަރުކޮށްދީފައިވާ ގޮތުގައި، އެއީ ވީޑިއޯ ނެގިފައިވާ އެންގަލްގެ ސަބަބުންނާއި އަތް ހަރަކާތްކުރި ގޮތުން ލޮލަށް ފެނުނު ކުށްހީއެއް ކަމަށެވެ. ނަތަންޔާހޫގެ އަތުގައި ހުންނަނީ އާދައިގެ މީހުންނެކޭ އެއްފަދައިން ފަސް އިނގިލިއެވެ.
މީގެ އިތުރުން، އީރާނުން ދިން ހަމަލާތަކުގައި ނަތަންޔާހޫ ނުވަތަ އޭނާގެ އާއިލާއަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ ވެސް ދޮގެކެވެ. އިސްރާއީލުގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި ބޮޑުވަޒީރު ހުންނެވީ ސަލާމަތުންނެވެ. އަދި އޭނާ ގެންދަވަނީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ބަލަހައްޓަވައި، ރަސްމީ ބައްދަލުވުން ތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
ބެންޖަމިން ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ އެންމެހާ ވާހަކަތަކަކީ ހަނގުރާމައިގެ ދަނޑިވަޅުގައި އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ފަތުރާ "ޕްރޮޕެގެންޑާ" ނުވަތަ ދޮގު މަޢުލޫމާތުކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.
ރަސްމީ އިދާރާތަކުންނާއި ބައިނަލްއަގުވާމީ މީޑިއާތަކުން ކަށަވަރުކޮށްދޭ ގޮތުގައި ނަތަންޔާހޫ ދުނިޔޭގައި އެބަހުއްޓެވެ.





