އީރާނުން ދުޝްމަނުން ބަލިކުރަންޖެހި އެންމެ ވަރުގަދަ ދަންތުރަ: ދުނިޔޭގެ ތެލުގެ މައި ލޭނާރަށް ފިތާލުން

އީރާނުން ދުޝްމަނުން ބަލިކުރަންޖެހި އެންމެ ވަރުގަދަ ދަންތުރަ: ދުނިޔޭގެ ތެލުގެ މައި ލޭނާރަށް ފިތާލުން

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ މާކުރިންވެސް، އީރާނުން އޮތީ "އާދަޔާ ޚިލާފު ހަތިޔާރެއް" ނުވަތަ "ދަންތުރައެއް" ތައްޔާރު ކޮށްފައެވެ.

އެއީ ދުނިޔޭގެ ތެލުގެ މައި ލޭނާރަށް ފިތާލައި، ބަންދުކޮށް، ރަހީނު ކޮށްގެން، ދުޝްމަނުންގެ އަސްކަރީ ކުރިއެރުން ތަކަށް ހުރަސް އެޅުމެވެ. އީރާނުގެ ރޭވުންތަކާބެހޭ މައުލޫމާތު ހުރި ސަރަހައްދީ މަސްދަރު ތަކުން ބުނާ ގޮތުގައި، މިއީ އެގައުމުން އެތައް އަހަރެއް ކުރިން ރާވާފައިވާ ކަމެކެވެ.

ދުނިޔޭގެ ތެލާއި ދިޔާ ކުރެވިފައިވާ ގުދުރަތީ ގޭސް ގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި މިހާރު އޮތީ އީރާނުން އަމަލީ ގޮތުން ބަންދު ކޮށްފައެވެ.

އދ. ގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި، ހުސްވި  ފެބްރުވަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދު ފަހަރުގެ އަދަދު ވަނީ %97 ދަށަށް ގޮސްފައެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

1980 ގެ އަހަރު ތަކުގައި ހިނގި އީރާނު- އިރާގު ހަނގުރާމައިގައިވެސް އީރާނުން މިފަދަ އުކުޅުތަކެއް ބޭނުން ކުރިއެވެ. ނަމަވެސް، މިހާރު އީރާނުގެ އަތުގައި މާ ވަރުގަދަ ހަތިޔާރުވެސް އެބަހުއްޓެވެ. އޭގެތެރޭގައި އަގުހެޔޮ މިސައިލާއި ޑްރޯންތައްވެސް ހިމެނެއެވެ.

މި ހަތިޔާރުތައް ބޭނުން ކޮށްގެން، ކަނޑުގެ ސަރަހައްދުގައި މައިން ވަޅުނުލައިވެސް، އުޅަނދު ފަހަރަށް ނުރައްކާކޮށް ދަތުރުފަތުރު ހުއްޓުވުމުގެ ގާބިލުކަން އީރާނަށް މިހާރު ލިބިފައިވާކަން އީރާނުގެ ހަމަލާތަކުން ވަނީ ހާމަވެފައެވެ.

މި ހަނގުރާމައިގައި އީރާނުގެ މައިގަނޑު ސިޔާސަތަކީ އެމެރިކާގެ ވަރުގަދަ އަސްކަރީ ބާރާ ސީދާ ކުރިމަތިލުމުގެ ބަދަލުގައި، އިގްތިސާދީ ގޮތުން ބޮޑު ގެއްލުމެއް ދިނުމެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުގެ އެނަލިސްޓް އަލީ ވާޢިޒް ވިދާޅުވި ގޮތުގައި، "އީރާނުން ދުނިޔޭގެ އިގްތިސާދު ރަހީނު ކޮށްފިނަމަ، ޓްރަމްޕަށް މަޖުބޫރު ވާނީ ހަނގުރާމަ ހުއްޓާލުމަށް ފަސް ޖެހޭށެވެ."

ވޮޝިންޓަން އިންސްޓިޓިއުޓްގެ މައިކަލް އައިޒަންސްޓެޓް ވިދާޅުވީ، މިއީ އީރާނުން ކުދި ހަމަލާތަކެއް ދީގެން ދުނިޔޭގެ ފެންވަރުގައި ބޮޑެތި ނަތީޖާތަކެއް ނެރެމުންދާ "އޭސިމެޓްރިކް" ހަނގުރާމައެއް ކަމަށެވެ. މީގެ ބޭނުމަކީ އެމެރިކާގެ ރައްޔިތުންގެ މެދުގައި ހަނގުރާމައަށް އޮތް ތާއީދު ކުޑަކޮށް، ވޮޝިންޓަނަށް ޕްރެޝަރު ބޮޑު ކުރުމެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ އިން ވަނީ މިފަދަ ހާލަތަކަށް އެތައް އަހަރެއް ކުރިން ތައްޔާރު ވެފައެވެ. ކުރިން އީރާނުން ބޭނުން ކުރަމުން އައީ އެގައުމަށް ތާއީދުކުރާ ޔަމަނުގެ ހޫޘީންނާއި، ލުބުނާނުގެ ހިޒްބުالله ފަދަ ޖަމާއަތްތަކެވެ.

ނަމަވެސް، މިފަހަރު އީރާނުން އަމަލީ ގޮތުން މި ހަނގުރާމައިގައި ބައިވެރިވެ، ދުނިޔޭގެ އެންމެ މުހިންމު ހަކަތައިގެ މަގުތައް ބަންދުކޮށް، ވަރުގަދަ ދުޝްމަނަކާ ދެކޮޅަށް ކެތްތެރިކަމާއެކު ދިގު ހަނގުރާމައެއް ކުރުމަށް ވަނީ އަތްމަތި ކޮށްފައެވެ.

އެނަލިސްޓުން ބުނާ ގޮތުގައި، އެމެރިކާއަށް އީރާނުގެ އަސްކަރީ ބާރު ކުޑަކުރެވިދާނެ އެވެ. ނަމަވެސް، އީރާނު އެއްކޮށް ބަލި ކުރަން ބޭނުންނަމަ އެއްގަމު މަގުން ގާތްގަނޑަކަށް 1 މިލިއަން ސިފައިން ފޮނުވަން ޖެހޭނެއެވެ. މިއީ އެމެރިކާ މިވަގުތު ކުރަން ބޭނުންވާނެ ކަމެއް ނޫން ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *