މެދުއިރުމަތިން އެމެރިކާ ސިފައިން ބޭރު ކުރަން އީރާނުން ގޮވާލައިފި

މެދުއިރުމަތިން އެމެރިކާ ސިފައިން ބޭރު ކުރަން އީރާނުން ގޮވާލައިފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އެމެރިކާގެ ޕެންޓަގަންއިން ބުނުމާއެކު، އީރާނުން ވަނީ މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާގެ ސިފައިން އެ ގައުމުތަކުން ބޭރު ކުރުމަށް ގޮވާލާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އީރާނުގެ ޚާރަގް އައިލެންޑްގައިވާ އަސްކަރީ މަރުކަޒު ތަކަށް އެމެރިކާ ސިފައިން ހަމަލާދީ އެތަންތަން "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށެވެ. އަދި ދެން ހަމަލާދޭނީ އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗަރަށް ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.

މިކަމަށް ރައްދު ދެމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދީފިނަމަ މެދުއިރުމަތީގައިވާ އެމެރިކާގެ ކުންފުނިތަކަށް ހަމަލާދޭނެ ކަމަށެވެ. އަދި އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން ވަނީ ޔޫއޭއީގައި ހުރި އެމެރިކާގެ މަރުކަޒުތަކަކީ ހަމަލާދިނުން ހުއްދަ ތަންތަން ކަމުގައި ޔޫއޭއީއަށް އަންގާފައެވެ.

ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އެމެރިކާއާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުން 1،450 މީހުން މަރުވެފައިވާއިރު، އީރާނުގެ މެދުތެރޭގައިވާ އިސްފަހާން ޕްރޮވިންސަށް ދިން މިސައިލް ހަމަލާތަކެއްގައި އިތުރު 15 މީހުން ވަނީ މަރުވެފައެވެ. އަދި އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 826 އަށް އަރާފައެވެ.

މަސްރަހު ގޯސްވަމުން ދާތީ، އިރާގުގެ ބަޣުދާދުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަނީ އެ ގައުމުގައި ތިބި އެމެރިކާގެ ހުރިހާ ރައްޔިތުން ވަގުތުން އިރާގުން ފޭބުމަށް އަންގާފައެވެ.

ގަލްފުގެ ތެލަށް ބަރޯސާވާ ގައުމުތަކުން ހުރްމޫޒް ކަނޑުއޮޅި ހުޅުވާފައި ބޭއްވުމަށް އެހީތެރިވުމަށް ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލައްވާފައެވެ.

ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސަށް އަމާޒުކޮށް ފޮނުވާލި ދެ ޑްރޯންއެއް ވައްޓާލާފައިވާއިރު، އިރާގުގެ އާރްބިލް ކައިރީގައި ހުންނަ ލަނާޒް ތެޔޮ ސާފުކުރާ ކާރުޚާނާއަކަށްވެސް ވަނީ ޑްރޯން ހަމަލާއެއް ދީފައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާއި އަދި އީރާނުން ދެމުންދާ ރައްދު ހަމަލާތަކާ ގުޅިގެން މުޅި މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ގަތަރާއި ބަހްރޭން ފަދަ ޚަލީޖުގެ ގައުމުތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބައެއް ސަރަހައްދުތައް ހުސްކުރުމުގެ އިންޒާރުތައް ދޭން ފަށާފައެވެ.

އަދި ހަނގުރާމައިގެ ސަބަބުން ބަހްރޭން އަދި ސައުދީ އަރަބިއްޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފޯމިއުލާ ވަން ރޭސްތައްވެސް ވަނީ ކެންސަލްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *