އީރާނާއި އިސްރާއީލާ ދެމެދު ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިފައިވާއިރު، މިކަމުގެ ނޭދެވޭ އަސަރު ފަލަސްތީނުގެ ސަރަހައްދުތަކަށް ދަނީ ވަރަށް ބޮޑަށް ކުރަމުންނެވެ.
ބައިނަލްއަގުވާމީ ސަމާލުކަން އީރާނު ހަނގުރާމައަށް ހުއްޓިފައިވީ ނަމަވެސް، ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތަކާއި ދަތިކުރުމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
އީރާނާއެކު ހަނގުރާމަ ފެށުމާއެކު، އިސްރާއީލުން ވަނީ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ޣައްޒާއާއި މިސްރު ގުޅޭ ރަފަހް ބޯޑަރު ބަންދުކޮށްފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި މިއީ އީރާނު ހަނގުރާމައާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި އެޅި ފިޔަވަޅެކެވެ.
ނަމަވެސް، މީގެ ސަބަބުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާއި، ބަލިމީހުން ފަރުވާއަށް ބޭރަށް ފޮނުވުން ވަނީ މުޅިން ހުއްޓިފައެވެ.
ބޯޑަރު ބަންދުކުރުމާ ގުޅިގެން ޣައްޒާގައި ކާބޯތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ގިނަ ބަޔަކު ބަނޑަށްޖެހިދާނެ ކަމުގެ ބިރު ބޮޑުވެފައިވާއިރު، ކައްކާ ގޭހާއި ތެލުގެ ދަތިކަން ކުރިމަތިވެ، ގިނަ އާއިލާތަކުން ދަނީ ދަރު ބޭނުންކޮށްގެން ކައްކަމުންނެވެ. އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ވަގުތުން ބޯޑަރުތައް ހުޅުވުމަށް ގޮވާލައްވާފައެވެ.
އަދި ހަމަ މި ދަނޑިވަޅުގައި އިސްރާއީލުގެ ހަމަލާތައް ޣައްޒާގެ އެކި ސަރަހައްދުތަކަށް ދަނީ ދެމުންނެވެ. ޚާން ޔޫނިސްއަށް ދިން ޑްރޯން ހަމަލާއެއްގައި ބަފަޔަކާއި ދަރިއަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ޣައްޒާގެ އަންހެނުންނަށް ބޭނުންވާ އަސާސީ ސިއްހީ ފަރުވާއާއި ރައްކާތެރިކަން އިސްރާއީލުން ނަގާލާފައިވާ ކަމަށެވެ.
ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުގެ ސިފައިންނާއި ހަރުކަށި ވަޒަންވެރިން ދަނީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ދެމުންނެވެ. އީރާނު ހަނގުރާމަ ފެށުނު ފަހުން، ވަޒަންވެރިންގެ ހަމަލާތަކުގައި މަދުވެގެން އަށް ފަލަސްތީނު މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ 'ވަފާ' އިން ރިޕޯޓު ކުރެއެވެ.
ނާބްލަސްގެ އިރުމަތީގައި އޮންނަ އަސްކަރް ރެފިއުޖީ ކޭމްޕަށް އިސްރާއީލު ސިފައިން ވަދެގަނެ، ގިނަ ގެތަކެއް ބަލައި ފާސްކޮށް، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން، ގަރްޔޫތު އަދި މަސާފިރު ޔައްޓާ ފަދަ އަވަށްތަކުގައި ވަޒަންވެރިން ވަނީ އާންމުންގެ ގަޔަށް ބަޑިޖަހައި ބައެއް މީހުން މަރާލާފައެވެ.
ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް މުޅި މެދުއިރުމަތި ދަމައިގަނެވިފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ހިތްދަތިކަން ވަނީ ދުވަހަކުވެސް އިތުރުނުވާ މިންވަރަށް ބޮޑުވެފައެވެ. ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން އެހެން ދިމާލަކަށް އެނބުރިފައި އޮތް އޮތުމަކީ، އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތައް އިތުރުކުރުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރެއެވެ.





