ޕާކިސްތާނުގެ ބޮޑުވަޒީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

ޕާކިސްތާނުގެ ބޮޑުވަޒީރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ދައުވަތަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އެ ގައުމަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ މެދުއިރުމަތީގައި އިތުރުވަމުންދާ ނުތަނަވަސްކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ޖިއްދާގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުން މަޝްވަރާ ތަކެއް ކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ އީރާނާއި އިސްރާއީލް އަދި އެމެރިކާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން މުޅި މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ ދަނޑިވަޅެއްގައި، މަސްރަހު ފިނި ކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

ޕާކިސްތާނާއި ސައުދީ އަރަބިއްޔާއާ ދެމެދު 2025 ވަނަ އަހަރު ސޮއިކޮށްފައިވާ 'ސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމަންޓް' ގެ ދަށުން، ސައުދީއަށް ކުރިމަތިވާ ކޮންމެ ނުރައްކަލެއްގައި ޕާކިސްތާނުން ސާބިތުކަމާއެކު އޮންނާނެކަމުގެ ޔަގީންކަން ބޮޑުވަޒީރު ވަނީ ދެއްވާފައެވެ. މި އެއްބަސްވުމުގެ ދަށުން އެއް ގައުމަކަށް ދެވޭ ހަމަލާއަކީ އަނެއް ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވެއެވެ.

މުސްލިމް ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ގުޅުން ބަދަހި ކުރުމަށް ވަނީ ބާރުއަޅާފައެވެ. ހަނގުރާމައިގެ ބަދަލުގައި މަޝްވަރާގެ މަގުން މައްސަލަތައް ހައްލު ކުރުމަށް ދެ ގައުމުން އިއްތިފާގުވިއެވެ.

ސައުދީއަށް އަމާޒުވާ ޑްރޯން އަދި މިސައިލް ހަމަލާ ތަކުން ދިފާއުވުމުގައި ޕާކިސްތާނުގެ އެހީތެރިކަން އިތުރު ކުރުމަށް މަޝްވަރާ ކުރެވުނެވެ.

މި ދަތުރުފުޅުގެ ކުރިން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނާ ފޯނުން ގުޅުއްވައި، ސަރަހައްދީ ހަމަޖެހުމަށް ބާރުއެޅުއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިން ދޭހަވަނީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމުގައި ޕާކިސްތާނުން މުހިންމު 'މެދުވެރިއެއްގެ' ދައުރު އަދާކުރަމުންދާ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *