އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ ނިމުމަކަށް އަންނާނީ ރައީސް ޑޮނަލްޑް ޓްރަމްޕު ކަނޑައަޅުއްވާފައިވާ މަޤުސަދުތައް ފުރިހަމައަށް ހާސިލުވުމުން ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލިން ލެވިޓް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލެވިޓް ވިދާޅުވީ، އީރާންގެ އަމާޒުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލާނީ ކަނޑައެޅިފައިވާ އަސްކަރީ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލުވުމުން ކަމަށެވެ. ވިދާޅުވީ، އީރާން ރަސްމީކޮށް އެއްބަސްވިޔަސް ނުވިޔަސް، ޝަރުތަކާ ނުލައި ފުރިހަމައަށް އަމާންދިނުމަށް ބާރުއެޅުމަކީ މި އޮޕަރޭޝަންގެ މައިގަނޑު ބޭނުމެއް ކަމަށެވެ.
ހަމަލާތައް ކުރިއަށް ދަނީ ރޭވިފައިވާ ތާވަލަށް ވުރެ ވެސް ހަލުވިކަމާ އެކު ކަމަށް ލެވިޓް ފާހަގަ ކުރެއްވި އެވެ. ރައީސް ޓްރަމްޕް ވެސް ވަނީ ހަނގުރާމަ ކާމިޔާބުވަމުންދާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
މި އޮޕަރޭޝަންގެ ބޭނުންތަކުގެ ތެރޭގައި އީރާންގެ މިސައިލްތަކާއި އެ ތަކެތި އުފެއްދުމުގެ ޤާބިލުކަން ނައްތާލުން، ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލުން، ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ދާއިމީ ގޮތެއްގައި ކަށަވަރު ކުރުން، އަދި ސަރަހައްދުގައި ހަރަކާތްތެރިވާ އީރާނަށް ތާއީދުކުރާ ޓެރަރިސްޓު ޖަމާއަތްތައް ބަލިކަށިކޮށްލުން ހިމެނޭ ކަމަށް ލެވިޓް ވިދާޅުވި އެވެ.
ފެބްރުވަރީ 28 ވަނަ ދުވަހުން ފެށިގެން ދެ ފަރާތުން ވެސް ވަރުގަދަ ހަމަލާތައް ބަދަލު ކުރަމުން ދާއިރު، މެދު އިރުމަތީގައި ހުރި ގިނަ އެމެރިކާ އަސްކަރީ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.





