ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ގޯސްކަމަށް ބުނަންޏާ ހެކި ދައްކާ: ޖާބިރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ގޯސްކަމަށް ބުނަންޏާ ހެކި ދައްކާ: ޖާބިރު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ގެއްލުންވާނެ ކަމަށް ވިދާޅުވަމުން އަންނައިރު، ރައްޔިތުންނަށް ވާ ގެއްލުމުގެ ތަފްސީލު ދެއްވުމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު، އިދިކޮޅު އެމްޑީޕީގެ އިސްވެރިންނަށް ގޮވާލައްވައިފި އެވެ.

ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހިންގި "ދިވެހީންގެ ރާއްޖެ" ކެމްޕެއިން ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގެން ޖާބިރު ވަނީ ދެ ބޮޑު އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވައި، ރައްޔިތުންނަށް ލިބޭ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ދެކޮޅު ހެދުމަށް ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޖާބިރު ވިދާޅުވި އެވެ. ދެ ދުވަހަކަށް ނުބޭއްވަންވީ ސަބަބުތައް ނުވަތަ ހެކިތައް އެމްޑީޕީ ލީޑަރޝިޕަށް ދެއްކިފައި ނެތްތީ، ޖާބިރު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"ކުރީމަ ވާ ފައިދާ ކިޔައިދޭނީ. ނުކުރީމަ ވާ ގެއްލުން. ގެއްލުންވާނީ ދެ އިންތިހާބު ދެމެދުގައި ހަ މަސްދުވަސް އޮތީމަ. ގާނޫނު އަސާސީ އޮތް ގޮތުން ދެ އިންތިހާބު ދޭތެރޭ ކުޑަ ވަގުތުކޮޅެއް. އެ ވަގުތުކޮޅު އެއް ދުވަހަކަށް ހެދީމަ ގެއްލުމެއް ނެތް. ފައިދާ ހުސްވެސް ލިބެނީ." ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވިއެވެ.

ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ވިދާޅުވެ، ޖާބިރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ހަރުދަނާ ކަމުން، ކުރިން ވެސް އިދިކޮޅަށް ނިސްބަތްވި ގިނަ ރައްޔިތުން ވެސް މިއަދު ތިބީ ރައީސްގެ ފަހަތްޕުޅުގައި ކަމަށެވެ.

ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް ބައިވެރިވެވަޑައިގެންނެވި ޖާބިރު ވިދާޅުވީ، ދެ ދުވަހަށް ދެ ބޮޑު ބޭއްވުމަށް ފެންނަ ކަމުގެ ބަހުސްތައް ހާއްސަ މަޖިލީހުގައި ވެސް ކުރެވިފައިވަނީ ގައުމާ ރައްޔިތުންނަށް ފައިދާވާނެ ކަމަށްވާތީ ކަމަށެވެ. ހާއްސަ މަޖިލީހުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމުގެ ބަހުސްތައް ކުރެވިގެން ދިޔައީ ރައްޔިތުންނަށް ފައިދާވާނެތީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. 

ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް އޭގެ މާނައަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ގޯސްކަމެކޭ ކިޔައި އެގޮތަށް ރައްޔިތުންނަށް ވިސްނާދިނުން ނޫންކަމަށް ޖާބިރު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *