އަންނަ ޖޫން މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް އަންނަ އީރާން ގައުމީ ޓީމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަރުހަބާ ކިޔާނެކަމުގެ ޔަގީންކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފިއެވެ.
މިފަދަ ޔަގީންކަމެއް ފީފާގެ ރައީސް މި ދެއްވީ، އެމެރިކާއާއި އިސްރާޢީލް އިސްވެ އޮވެ އީރާނަށް ދެމުންދާ ހަމަލާތަކާއި، އޭގެ ސަބަބުން އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން މުބާރާތަށް ކޮލިފައިވެފައިވާ އީރާން ޓީމު އެމެރިކާއަށް ދާނެކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
ވަކިން ހާއްސަކޮށް، ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި އީރާނުގެ ރޫޙީ ވެރިޔާ، އާޔަތުالله ޢަލީ ޚާމަނާއީ ޝަހީދުކޮށްލާފައި ވުމީ، މި މުބާރާތުގައި އީރާން ބައިވެރިވާނެތޯ އުފެދިފައިވާ ސުވާލުތައް އިތުރަށް ގަދަވެގެންދިޔަ ސަބަބެކެވެ.
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު އިންފަންޓީނޯ ވިދާޅުވީ، ހަނގުރާމައިގެ މި ނުތަނަވަސް ހާލަތުގައި ވެސް، މުބާރާތުގައި ވާދަކުރުމަށް އެމެރިކާއަށް އަންނަ އީރާން ޓީމަށް އެ ގައުމުން ފުރިހަމައަށް މަރުޙަބާ ކިޔާނެކަމުގެ ޔަގީންކަން ރައީސް ޓްރަމްޕް ދެއްވާފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.
އިންފަންޓީނޯ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ފީފާ ވޯލްޑް ކަޕް ފަދަ ބޮޑު ހަރަކާތެއްގެ އެހީގައި މުޅި ދުނިޔެ ބަދަހިކޮށް، އެއްބައިވަންތަކަން ގާއިމުކުރަންވީ ވަގުތެވެ. "ފުޓުބޯޅައަކީ މުޅި ދުނިޔެ ގުޅުވާލަދޭ، އެއްބައިވަންތަކުރުވާ ހަރަކާތެއް،" އިންފަންޓީނޯ ވިދާޅުވިއެވެ. އަދި މި ފުރުސަތު ފަހިކޮށްދިނުމަށް އެމެރިކާގެ ރައީސް ދެއްވާ އެއްބާރުލެއްވުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕުގައި އީރާން ހިމެނެނީ މުބާރާތުގެ ގްރޫޕް 'ޖީ' ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ މިސްރާއި، ބެލްޖިއަމް އަދި ނިއުޒިލޭންޑެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް އީރާނުން ކުޅެން ހަމަޖެހިފައިވަނީ އެމެރިކާގެ ދަނޑުތަކުގައެވެ. އެހެންނަމަވެސް، މިހާތަނަށް އީރާނު ސަރުކާރުން ނުވަތަ އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން މުބާރާތުގައި ބައިވެރިވާނެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.





