އީރާނުގެ ވެރިކަން ބަދަލު ކުރުމުން ތެޔޮ ވިއްކައިގެން އަހަރެމެންނަށް ވަރަށްގިނަ ފައިސާ ހޯދޭނެ: އެމެރިކާ

އީރާނުގެ ވެރިކަން ބަދަލު ކުރުމުން ތެޔޮ ވިއްކައިގެން އަހަރެމެންނަށް ވަރަށްގިނަ ފައިސާ ހޯދޭނެ: އެމެރިކާ

އީރާނުގެ ވެރިކަން ބަދަލުކޮށް، އީރާނުގެ ތަކުގެ މުއްސަނދި ކަން އަތުލާނެ ކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ސެނެޓަރ ލިންޑްސޭ ގްރަހަމް، ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނުގެ ވެރިކަން ނިމުމަކަށް އައުމުން މެދުއިރުމައްޗަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، އޭގެ ސަބަބުން އެމެރިކާއަށް ވަރަށް ގިނަ ފައިސާ ލިބޭނެ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ވެނެޒުއޭލާ އާއި އީރާނަކީ ދުނިޔޭގެ ތެލުގެ ރިޒާވްގެ 31 އިންސައްތަ ހިއްސާކުރާ ދެ ގައުމެވެ. އެހެންކަމުން، މި ވަސީލަތްތަކުގެ މައްޗަށް ބާރު ފޯރުވުމަކީ ޗައިނާއަށް ކުރިމަތިވާނެ "ބިރުވެރި ހުވަފެނެއް" ކަމަށާއި، މިއީ އެމެރިކާއިން ކުރާ ރަނގަޅު "އިންވެސްޓްމަންޓެއް" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވާހަކަތަކާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބަގާއީ ވިދާޅުވީ އެމެރިކާގެ ބޭނުމަކީ ސާފުކޮށް ފެންނަން އޮތް ކަމެއް ކަމަށާއި، އެއީ އީރާނުގެ ގައުމީ މިނިވަންކަމަށް އަރައިގަނެ، އެ ގައުމުގެ ތެލުގެ މުއްސަނދިކަން ފޭރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

ލިންޑްސޭ ގްރަހަމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަވާނެ ކަމަށެވެ. އަދި އީރާނުގެ ވެރިކަން ވެއްޓުމުން މުޅި ސަރަހައްދަށް އަމާންކަމާއި ތަނަވަސްކަން އަންނާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މާރިޗު 2 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދުރު ރާސްތާގެ މިސައިލާއި ނިއުކްލިއާ ހަތިޔާރު އަތުގައި ހުރި އީރާނުގެ ސަރުކާރަކީ ކޮންމެ އެމެރިކާ ރައްޔިތަކަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.

އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި އީރާނުން ދަނީ އެމެރިކާއަށް ވަގުތުން ނުރައްކާ ކުރިމަތިކުރަމުންނެވެ. ނަމަވެސް، ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ދައުވާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.
ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ފީފާއެއް 100 ޑޮލަރަށްވުރެ މައްޗަށް ގޮސް، ދުނިޔޭގެ އިގްތިސާދަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.

އީރާނުން ދަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފު ގައުމުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެމުންނެވެ. މީގެ ސަބަބުން ތެލާއި ގޭސް އުފެއްދުމަށް ހުރަސްއެޅި، ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުނުކުރެވި ހުއްޓި، ގަލްފު ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ވެސް ވަނީ ބަންދުކޮށްފައެވެ.

ހަނގުރާމަ ފެށުމުގެ ހަފުތާތަކެއް ކުރިން ސެނެޓަރ ލިންޑްސޭ ގްރަހަމް ވަނީ އެތައް ފަހަރަކު އިސްރާއީލަށް ގޮސް، އެ ގައުމުގެ ޖާސޫސީ އިދާރާ 'މޮސާޑް' އާ ބައްދަލުކޮށްފައެވެ. ގްރަހަމް ވިދާޅުވި ގޮތުގައި، އެމެރިކާ ސަރުކާރުން ސިއްރުކުރާ ބައެއް މައުލޫމާތުތައް މޮސާޑުން އޭނާއަށް ހިއްސާކުރެއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގްރަހަމް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް، ޓްރަމްޕް މި ހަނގުރާމައަށް އެއްބަސްކުރުވާނެ ގޮތުގެ އިރުޝާދު ދެއްވާފައެވެ.
ނަތަންޔާހޫ ދެއްކެވި ޖާސޫސީ މައުލޫމާތުތަކަށް ބިނާކޮށް ޓްރަމްޕް މި ހަނގުރާމަ ފެށުމަށް ނިންމެވިއިރު، އިސްރާއީލުން އަންނަނީ އީރާނުން ނިއުކްލިއާ ބޮން އުފައްދަން އުޅޭ ކަމަށް ބުނެ އެތައް އަހަރެއް ވަންދެން ވަކާލާތު ކުރަމުންނެވެ.

ނަމަވެސް އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި އާންމު ބޭނުންތަކަށް ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *