"ބިލެތްމާ ޓޭސްޓީ" އިން އުފައްދާ ކާބޯތަކެތީގެ އެއްވެސް ބާވަތެއް މިންގަނޑަކަށް ނުފެތޭ، ނުވިއްކާތި، ނުގަންނާތި

"ބިލެތްމާ ޓޭސްޓީ" އިން އުފައްދާ ކާބޯތަކެތީގެ އެއްވެސް ބާވަތެއް މިންގަނޑަކަށް ނުފެތޭ، ނުވިއްކާތި، ނުގަންނާތި

ތެލުލި ފަތާއި ކުޅި ކާޖާ ފަދަ ބާވަތްތަކުގެ ކާބޯތަކެތި ބަންދުކުރާ 'ބިލެތްމާ ޓޭސްޓީ’ގެ އެއްވެސް އުފެއްދުމެއް ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، އެ އޮތޯރިޓީއަށް ލިބިފައިވާ ޝަކުވާއަކާ ގުޅިގެން ތެލުލި ފަތާއި ކޮށި މަހާއި ކުޅި ކާޖާއާއި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ 'ބިލެތްމާ ޓޭސްޓީ' ބާލައި ފާސްކޮށްފައިވާ ކަމަށެވެ.

މިގޮތުން، އެ ތަނަކީ އާންމު ސާފުތާހިރުކަން ދަށް، ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެހެންވެ، ތަނުގައި ކުރަމުން އައި މަސައްކަތް ވަގުތުން ހުއްޓާލުމަށް އަންގާފައިވާނެ ކަމަށާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެ ތަނަކީ ރަޖިސްޓްރީކޮށްފައިވާ ތަނެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، 'ބިލެތްމާ ޓޭސްޓީ’ގެ ނަމުގައި ވިއްކާ އުފެއްދުމެއް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ނުތާހިރުކޮށް، ކާބޯތަކެތި ތައްޔާރުކޮށްގެން ވިއްކާ މައްސަލަތައް މީގެކުރިން ފެންމަތިވެފައި އެބަހުއްޓެވެ. އެފަދަ ބައެއް ތަންތަން ބިދޭސީން ހިންގާފައި ހުރިއިރު، އެ ފަދަ ތަންތަން ބަންދުކުރުމަށް އޮޕަރޭޝަންތައް ވެސް ދޭތެރެއަކުން ހިންގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *