މޭރީ މަރާލުމުގެ ދައުވާލިބޭ މާވިން އިސްލާމް ވެއްޖެ، މިހާރު ނަމަކީ ޔޫސުފް

މޭރީ މަރާލުމުގެ ދައުވާލިބޭ މާވިން އިސްލާމް ވެއްޖެ، މިހާރު ނަމަކީ ޔޫސުފް

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ، އޭނާގެ ފިރިމީހާ މާވިން ވާގަސް، ޖަލުގައި ހުރެ އިސްލާމްދީން ގަބޫލުކޮށް، ނަން ޔޫސުފަށް ބަދަލު ކޮށްފައިވާ ކަން، އިސްލާމިކް މިނިސްޓްރީން ކްރިމިނަލް ކޯޓަށް ރަސްމީ ގޮތުން އަންގައިފި އެވެ.

މި ކަން ހާމަވީ، މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގަ އެވެ. މައްސަލަ ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި، މާވިން އިސްލާމްދީން ގަބޫލުކޮށް، ނަން ބަދަލުކޮށްފައިވާ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެންވެ، ގާޒީ ވަނީ ކޯޓުގައި މިހާރު ޔޫސުފްގެ ނަމުން އޭނާއާ މުހާތަބު ކުރައްވަން ފައްޓަވައިފަ އެވެ.

މާވިން އިސްލާމްވުމާ ގުޅިގެން، ކުށް ސާބިތުވެއްޖެ ނަމަ ދޭ އަދަބަށް ބަދަލެއް އަންނާނެތޯ ބެލުމަށް، ދިފާއީ ވަކީލް ދައުލަތާ ސުވާލު ކުރެއްވި އެވެ. ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ، އެ ކަމާ މެދު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި، ބައެއް ލިޔުންތައް ނުލިބޭތީ ހުލާސާ ބަޔާނަށް ތައްޔާރު ނުވެވޭ ކަމަށް ދިފާއުން ބުނުމުން، ގާޒީ ވަނީ އިތުރު ފުުރުސަތެއް ދެއްވައި، ހުލާސާ ބަޔާން އިއްވުން އަންނަ މަހަށް ތާވަލު ކުރައްވައިފަ އެވެ.

ދައުލަތުގެ ދައުވާގައި ބުނާ ގޮތުގައި، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، މޭރީ ގްރޭސްގެ ބޮލާއި ކަރަށް ހަމަލާ ދީ ނޭވާ ހާސްކޮށްލައިގެން މަރާލީ، ލޯބީގެ ގޮތުން ގުޅިގެން އުޅުުނު ކަމަށް ތުހުމަތު ކުރެވޭ، ހަލީމަތު ލަމްހާ އާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ތެރެއިން ކަމަށެވެ. މި ދެ މީހުންގެ ޝަރީއަތް ކުރިއަށް ދަނީ ކްރިމިނަލް ކޯޓުުގައި، ވަކިން ނަމަވެސް، ހަމަ އެ ހާޒިރެއްގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *