އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުދަ ދުވަހު އިސްރާއީލުގެ ތަލް އަވީވަށް ވަޑައިގަތުމުން، އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މިއީ 2017 ވަނަ އަހަރަށްފަހު މޯދީ އިސްރާއީލަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ގާޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓުން ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައި، މޯދީގެ މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ހާމަކޮށްދޭ ކަމެކެވެ.
މޯދީ ވަޑައިގަތުމުގެ ދުވަސްކޮޅެއް ކުރިން ނަތަންޔާހޫ ވަނީ "ހެކްސަގަން އޮފް އެލަޔަންސަސް" ގެ ނަމުގައި އައު ސަރަހައްދީ އޮނިގަނޑެއް އިއުލާން ކުރައްވާފައެވެ. މި އިއްތިހާދުގެ މަރުކަޒަކީ އިންޑިއާ ކަމަށްވާއިރު، މީގައި ގްރީސް، ސައިޕްރަސް އަދި ބައެއް އަރަބި، އެފްރިކާ އަދި އޭޝިއާގެ ގައުމުތައް ހިމެނެއެވެ. ނަތަންޔާހޫ ވިދާޅުވި ގޮތުގައި މި އިއްތިހާދުގެ ބޭނުމަކީ ހަރުކަށި ފިކުރުގެ ޝީޢީ އަދި ސުންނީ ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ.
މޯދީގެ މި ދަތުރުފުޅާއެކު ދެ ގައުމުގެ މެދުގައި އޮންނަ ދިފާއީ އަދި ޓެކްނޮލޮޖީގެ ގުޅުންވެސް އިތުރަށް ވަރުގަދަވެގެން ދާނެކަމަށް ބެލެވެއެވެ. އިންޑިއާއަކީ މިހާރު އިސްރާއީލުގެ ހަތިޔާރު އެންމެ ގިނައިން ގަންނަ އެއް ގައުމެވެ.
މި ދަތުރުފުޅުގައި ދިފާއީ ކަންކަމުގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (AI) އަދި ސައިބަރ ސެކިއުރިޓީ ފަދަ ދާއިރާތަކުން ގުޅުން ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިސްރާއީލުގެ އެންމެ ފަހުގެ ލޭޒާ ހަތިޔާރު ކަމަށްވާ "އަޔަން ބީމް" އާއި "އަޔަން ޑޯމް"މިސައިލް ޑިފެންސް ސިސްޓަމް އިންޑިއާގައި އުފެއްދުމާ ގުޅޭގޮތުން މަޝްވަރާ ހިމެނެއެވެ.





