ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ ހިތްދަތިކޮށްލައި ޗެމްޕިއަންކަން އޮޑި ހޯދައިފި

ޕްރެޒިޑެންޓްސް ކަޕް: މާޒިޔާ ހިތްދަތިކޮށްލައި ޗެމްޕިއަންކަން އޮޑި ހޯދައިފި

ފުރިހަމަ ވަގުތުގެ ކުޅުން 1-1 ގެ ނަތީޖާ އަކުން ހަމަވުމުން، ޕެނަލްޓީ ޝޫޓްއައުޓް 5-4 އިން ކާމިޔާބު ކޮށް، ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ވާދަ ކުރީ އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ފައިނަލް މެޗު ބައްލަވާލައްވައި، ޗެމްޕިއަން ޓީމަށް ވާދައިގެ ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވައިފަ އެވެ.

މެޗު ފެށިގެން ތިން ވަނަ މިނިޓުގައި، ނާއިޒް ހަސަން (ދާދު) ގެ ލަނޑަކުން ލީޑު ނެގީ މާޒިޔާ އިންނެވެ. ނަމަވެސް 14 ވަނަ މިނިޓުގައި، ކީނޫ މާޝް ބްރައުން ގޯލު ތެރެއަށް ބޯޅަ ފޮނުވާލައި، ނަތީޖާ ހަމަ ހަމަ ކުރީ އޮޑިންނެވެ. ދެ ވަނަ ހާފުގައި ވެސް ގިނަ ފުުރުސަތުތަކެއް ތަނަވަސް ވި ނަމަވެސް، ދެ ޓީމަށް ވެސް ލަނޑެއް ނުޖެހި ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު، އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު ވަނީ މާޒިޔާ ތިން ޕެނަލްޓީ ދިފާއު ކޮށްފަ އެވެ. އޮޑިގެ ފަހު ޕެނަލްޓީ ކާމިޔާބު ކޮށް، ޗެމްޕިއަންކަން ކަށަވަރު ކުރީ އަހުމަދު އައިހަމް (އައިހު) އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ، އޮޑީގެ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު އަހްޒަމް ރަޝީދު (އަހު) އެވެ.

ސީޒަން ފެށުމުގެ ކުރިން ކުޅުނު އެފްއޭއެމް ލީގް ކަޕްގެ ފައިނަލްގައި، ހަމަ މި ދެ ޓީމު ބައްދަލު ކުރި ނަމަވެސް، ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދީ މާޒިޔާ އިން ކަން ފާހަގަކޮށްލަން ޖެހެއެވެ. ދިވެހި ޕްރިމިއާ ލީގު ވެސް ނިންމާލީ، މާޒިޔާ ތާވަލްގެ އެއް ވަނައިގައި، އޮޑި ދެ ވަނައިގައި އޮވެ އެވެ. ނަމަވެސް ސީޒަންގެ އެންމެ ފަހު ދިލައިގައި، ޕްރެޒިޑެންޓްސް ކަޕްގެ ތަށި ގެންދިޔައީ އޮޑި ސްޕޯޓްސް ކްލަބުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *