އޭލިއަން އުޅޭ، ނަމަވެސް ދުނިޔެއަށް ޒިޔާރަތް ކޮށްފައިވާކަމުގެ ހެއްކެއް ނެތް: އޮބާމާ

އޭލިއަން އުޅޭ، ނަމަވެސް ދުނިޔެއަށް ޒިޔާރަތް ކޮށްފައިވާކަމުގެ ހެއްކެއް ނެތް: އޮބާމާ

އޭލިއަން އަކީ ހަޤީޤަތެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ދެއްކެވި ވާހަކަ ސޯޝަލް މީޑިއާގައި ބޮޑަށް ފެތުރިގެން ދިއުމާ ގުޅިގެން، އެ ވާހަކަ ސާފުކޮށްދެއްވައިފި އެވެ.

ބްރަޔަން ޓައިލާ ކޯހެންގެ ޕޮޑްކާސްޓެއްގައި ބައިވެރިވެ ވަޑައިގެން، ލައިޓްނިން ރައުންޑެއްގެ ތެރެއިން، "އޭލިއަން އުޅޭ" ކަމަށް ވިދާޅުވި ވިދާޅުވުން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިގެންދިއުމުން، ސާފުކޮށްދެއްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ހިސާބު އިލްމުގެ ނަޒަރިއްޔާ އިން ބަލާ ކަމަށް ވާ ނަމަ، ކާއިނާތުގެ ތަނަވަސްކަމަށް ބިނާ ކޮށް، ދުނިޔެ އިން ބޭރުގައި ދިރިއުޅޭ ބަޔަކު ތިބުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް، ސޯލާ ސިސްޓަމްތަކާ ދެ މެދު ހުރި ދުރުމިނަށް ބަލާ ކަމަށް ވަ ނަ، އޭލިއަން ދުނިޔެ އަށް ޒިޔާރަތް ކޮށްފައިވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވިދާޅުވި އެވެ.

2009 ން 2017 ށް ރައީސް ކަމުގައި ހުންނެވިއިރު، ބިމުން ބޭރުގެ ދިރުންތަކާ ދުނިޔެ ގުޅުން ޤާއިމު ކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިވަޑައިގެންފައި ނުވާ ކަމަށާއި، "އޭރިޔާ 51″ ގައި ވެސް އެފަދަ ސިއްރު ތަނެއް ނެތް ކަމަށް އޮބާމާ ވިދާޅުވި އެވެ. ބިމުން ބޭރުގެ ބަޔަކާ ގުޅޭ ބޮޑު ރޭވުމެއް ރައީސް ކަމުގައި ހުންނަވާ ބޭފުޅަކަށް ސިއްރުން ހިންގެން ނޯންނާނެ ކަމަށް ވެސް، ސީރިއަސް ރާގެއްގައި ވިދާޅުވި އެވެ.

މީގެ ކުރިން 2021 ވަނަ އަހަރު ޖޭމްސް ކޯޑަންގެ ޓީވީ ޝޯއެއްގައި ވެސް އޮބާމާ ވަނީ އޭލިއަންއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެފަހަރު އޮބާމާ ވިދާޅުވީ، ރައީސް ކަމުގެ މަގާމަށް ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، އޭލިއަންގެ ހަޑިގަނޑުތަކާއި އުޅަނދުތައް ބަހައްޓާފައި ހުރި ލެބެއް ހުރިތޯ ސުވާލު ކުރެއްވި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ކުރި ދިރާސާ ތަކުން އެފަދަ ތަނެއް ނެތްކަން އެނގުނު ނަމަވެސް، އޭރު ސާފު ކޮށްދެވިފައި ނުވާ ބައެއް އުދުހޭ ތަކެތީގެ ރެކޯޑުތަކާއި، ފުޓޭޖުތައް ހުރި ކަމަށް އެ ފަހަރު އޮބާމާ ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *