މާލޭގެ ފެންހިންދާ ނިޒާމު އޮޓޮމޭޓް ކުރުމުގެ މަސައްކަތް ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ "ޑިޒާސްޓަރ ރެޒިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" ޕްރޮޖެކްޓުގެ ޕެކޭޖު 2 ގެ ދަށުން ހިންގާ މަޝްރޫއެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ، މާލޭގައި ޤާއިމު ކޮށްފައިވާ 16 ޕަމްޕު ސްޓޭޝަން އޮޓޮމޭޓް ކުރުމަށް ބޭނުންވާ އާލާތްތައް ހަރުކުރުމާއި، ހުރިހާ ސްޓޭޝަންތައް ގުޅާލެވޭ ސެންޓްރަލައިޒްޑް މޮނިޓަރިން ސިސްޓަމެއް ޤާއިމު ކުރުމެވެ. އަދި ފެންހިންދާ ނިޒާމު ބެލެހެއްޓުމަށް ބޭނުންވާ ޖެޓިން ވެހިކަލެއް ފޯރުކޮށްދިނުން ވެސް ހިމެނެ އެވެ.
މި މަސައްކަތަށް ގާތްގަނޑަކަށް 1.5 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް ވުޒާރާ އިން ލަފާ ކުރެ އެވެ. ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަނާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، މި މަސައްކަތް 487 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. އެހެންކަމުން، އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހަމަ މި ޕްރޮޖެކްޓުގެ ޕެކޭޖު 1 ގެ ދަށުން، މާލޭ ބޮޑުހިލައިގެ ބޭރުތޮށި މަރާމާތުކޮށް ތަރައްޤީ ކުރުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ ވެސް ވަނީ ސޮއިކޮށްފަ އެވެ.
މާލޭ މަގުތަކުގައި ފެންބޮޑުވުމަކީ ޒަމާންވީ، ގިނަ ރައްޔިތުންނަށް ދަތި، ބޮޑު މައްސަލަ އެކެވެ. އެ ސަބަބުން އެތައް ފަހަރެއްގެ މަތިން ގިނަ ބައެއްގެ އަގުބޮޑު މުދަލަށް ގެއްލުންވެ، ދިރިއުޅުމަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވެ އެވެ. ފެންހިންދާ ނިޒާމު ޒަމާނީ ވަސީލަތްތަކާ ގުުޅި، ތަރައްޤީ ކުރެވިގެންދިއުމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ބަދަލެކެވެ.





