ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެ ވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބް 2-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބުން ފައިނަލުގެ ދެ ވަނަ ޖާގަ ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗުގައި، ފުރަތަމަ ހާފު ދެ ޓީމު ވެސް ރަނގަޅަށް ވާދަކޮށް ގޯލެއް ނުޖެހި ހިނގައިދިޔަ އެވެ. ނަމަވެސް ދެ ވަނަ ހާފު ފެށިތާ ހަ މިނިޓް ތެރޭ، 51 ވަނަ މިނިޓްގައި، އޮޑީގެ މިސްރު ޑިފެންޑަރު އިސްލާމް ފެކްރީ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި، އޮޑިން ލީޑު ނެގި އެވެ.
ލީޑު ފުޅާކުރީ 62 ވަނަ މިނިޓްގައި، އަހުމަދު އައިހަމް (އައިހު) އޭރިއާ ތެރެއިން ހަމަޖެހިލައި ފޮނުވާލި ބޯޅަ ގޯލަށް ވަދެގެންނެވެ. 73 ވަނަ މިނިޓްގައި ހުރަސްދަނޑިއަށް ބޯޅައެއް ވެސް ވެއްދި، ނަތީޖާ ބަދަލެއް ނުވި އެވެ.
ބުރު ސްޕޯޓްސް އިން މެޗުގެ ތެރޭ ބައެއް ހަމަލާތައް ފޮނުވާލި ނަމަވެސް، ކީޕަރު ޝަފީއުގެ ހަރުދަނާ ކުޅުމާ ދެކޮޅަށް ދެ ވަނަ ހާފުގައި ފައިދާ ނެގޭ ގޮތެއް ނުވި އެވެ.
މާޒިޔާ އާއި އޮޑިން ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެެވެ.





