އަވަހާރަވެފައިވާ ދީނީ އިލްމުވެރިޔާ ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވައިދެއްވީ އިއްޔެ ބަންގްލަދޭޝްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޝައިޚް ފަރީދުގެ ދެ ދަރިކަލުން ކަމަށްވާ ޢަބްދުﷲ ފަރީދު އާއި ޢަބްދުއްރަޙްމާން ފަރީދެވެ.
މި ރަސްމިއްޔާތުގައި "ޚިދުމަތް" ޖަމިއްޔާގެ ޕާޓްނަރު އޯގަނައިޒޭޝަނެއް ކަމަށްވާ އަލް-މަނާހިލް ފައުންޑޭޝަންގެ އިސްވެރިންނާއި، އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
މި މިސްކިތަކީ ޝައިޚް ފަރީދު ދީނީ ގޮތުން ކުރެއްވި މަސައްކަތްޕުޅުތަކުގެ ހަނދާން އާކުރުމަށާއި، އެމަނިކުފާނަށް ދާއިމީ ސަދަގާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ޝައިޚް އިބްރާހީމް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު މެލޭޝިއާގެ އެއާޕޯޓެއްގައެވެ. އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނު ޚިދުމަތް ކުރެއްވި ޚިދުމަތް ޖަމިއްޔާއިން ވަނީ އެމަނިކުފާނުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައެވެ.
ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމާއެކު، މި މަޝްރޫއަށް ބޭނުންވާ ފައިސާ ވަނީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ހަމަވެފައެވެ.
ޚިދުމަތް ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، ބަންގްލަދޭޝްގައި މިއަދު ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ އޮތް ބިނާއެކެވެ. މިއީ ޝައިޚް ފަރީދުގެ ހަނދާންތައް ދެމެހެއްޓުމަށް ފެށި މާތް މަސައްކަތުގެ ފެށުމެއް ކަމަށް އެ ޖަމިއްޔާއިން ސިފަކުރެއެވެ.
މީގެ އިތުރުން، އާންމުންގެ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން، ޝައިޚް އިބްރާހީމް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް ބިނާކުރުމަށް ޚިދުމަތް ޖަމިއްޔާއިން ވަނީ ނިންމާފައެވެ.
ހުޅުމާލެ ފޭސް 3 ގައި ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ 2,500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
ޝައިޚް އިބްރާހީމް ފަރީދަކީ އިސްލާމީ ދައުވަތު ފެތުރުއްވުމުގައާއި ދިވެހި މުޖުތަމައަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކުރެއްވި، ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ހޯއްދަވާފައިވާ ބޭފުޅެކެވެ.
ބަންގްލަދޭޝްގައި މި މިސްކިތް ހުޅުވުމަކީ އެމަނިކުފާނުގެ އާއިލާއަށާއި، އެމަނިކުފާނަށް އިހުތިރާމްކުރާ ހުރިހާ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.





