ޓްރަމްޕް އަނެއްކާވެސް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި

ޓްރަމްޕް އަނެއްކާވެސް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފި

އީރާންއާ ކުރިއަށްދާ ނިއުކްލިއާ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާންނަ ނަމަ ސީދާ ހަމަލާއެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގެ އިޝާރާތެއް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ތަކުރާރު ކުރައްވައިފި އެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވި ގޮތުގައި، ޓްރަމްޕްގެ ސަރުކާރާ އެކު އެއްބަސްވުމަކަށް ގޮސް ހަމަ ޖެހިލުމަކީ އީރާނަށް ހެޔޮ ނަތީޖާ ހޯދޭ ހަމައެކަނި ގޮތެވެ. ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް"ގައި ކުރެއްވި ޕޯސްޓެއްގައި، އެއްބަސްވުމަކަށް ނުގޮސްފި ނަމަ ޑިއޭގޯ ގާސިއާ އެއާ ބޭސް ބޭނުންކޮށްގެން ހަމަލާ ދިނުމުގެ ފުރުސަތު އޮތް ކަމަށް ހާމަ ކުރައްވައިފަ އެވެ.

މި ދަނޑިވަޅަކީ އޮމާން މެދުވެރިވެ ކުރިއަށްދާ ނިއުކްލިއާ ވާހަކަތަކުގެ ދެ ވަނަ ބައްދަލުވުން، އަންގާރަ ދުވަހު ޖެނީވާގައި ކޮންމެ ވެސް ވަރެއްގެ ކުރިއެރުމާ އެކު ނިންމާލި ތަނާ ލައިގެން ކަމުން، ދެ ގައުމުގެ ގުޅުން ފިނި ހޫނު މިޒާޖެއްގައި ދަނީ ކުރިއަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އަރާގްޗީ ވިދާޅުވީ، ދެ ގައުމަށް ވެސް ބަލައިގަނެވޭ ބައެއް އަސާސީ އުސޫލުތަކަށް ދެ ފަރާތުން ވެސް ތާއީދު ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ނައިބު ރައީސް ޖޭ ޑީ ވޭންސް ވިދާޅުވި ގޮތުގައި، އެމެރިކާ ކަނޑައަޅާ ރަން ރޮނގު ތަކަށް އީރާން އަދިވެސް ތާއީދެއް ނުކުރެ އެވެ.

ދެ ފަރާތުން ވެސް ވާހަކަ ދެއްކުން ކުރިއަށް ގެންދާ ހިނދު، ހަނގުރާމައެއް ބޭނުން ނޫން ކަމަށާއި ނަމަވެސް ބޭރު ނުފޫޒަށް ހުރިހާ ހާލަތެއްގައި ވެސް ބޯ ނުލަނބާނެ ކަމަށް، އީރާންގެ ރައީސް ޕެޒެޝްކިއާން ހާމަ ކުރައްވަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *