އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން އިސްނަގައިގެން، އެ ގައުމުގެ ހޮރްމުޒް ކަނޑުއޮޅީގައި ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ފަށައިފިއެވެ.
"ސްމާޓް ކޮންޓްރޯލް އޮފް ދަ ސްޓްރެއިޓް އޮފް ހޮރްމުޒް" ގެ ނަމުގައި ކުރިއަށްގެންދާ މި ތަމްރީނުތަކަކީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އައިއާރްޖީސީގެ ކަނޑުގެ ސިފައިންގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށް ބާއްވާ ހަރަކާތްތަކެއް ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މި ތަމްރީނުތައް ފަށާފައިވަނީ އީރާނުގެ ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން އެމެރިކާއާއެކު ބާއްވާ މުހިންމު މަޝްވަރާތަކުގެ ދެވަނަ ބުރުގައި ބައިވެރިވެވަޑައިގަތުމަށް، އެ ގައުމުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ސްވިޒަލޭންޑުގެ ޖެނީވާއަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، މުޅި ސަރަހައްދަށް ފެތުރިގެން ހިނގައިދާނެ ފަދަ ނުރައްކާތެރި އަސްކަރީ ކުރިމަތިލުމަކުން ސަލާމަތްވުމެވެ.
މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާއިން ވެސް ދަނީ އެ ސަރަހައްދަށް އިތުރު އަސްކަރީ މަނަވަރުތަކާއި، މަތިންދާބޯޓު އުފުލާ ދެވަނަ މަނަވަރެއް ފޮނުވައި، އެގައުމުގެ އަސްކަރީ ބާރު ގަދަކުރަމުންނެވެ.
އީރާނުން މިފަދަ ތަމްރީނުތަކެއް ކުރިއަށް މިގެންދަނީ ބައިނަލްއަގުވާމީ ގޮތުން ސިޔާސީ އަދި އަސްކަރީ ގޮތުން ގިނަ ކުރިމަތިލުންތަކެއް ހިނގަމުންދާ ވަގުތެއްގައެވެ.





