ނައިފަރު ޝޭޚް މުހައްމަދު އިބްރާހީމް ޙާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ނައިފަރު ޝޭޚް މުހައްމަދު އިބްރާހީމް ޙާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ޝައިޚް މުޙައްމަދު އިބްރާހީމް (ނައިފަރީ)ގެ ސިއްޙީ ޙާލުކޮޅު ދެރަވެ، މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

ޝައިޚްގެ ސިއްޙީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ "އެހީ" ޖަމިއްޔާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ދަރުސް ދެއްވުމަށް މާލެ ވަޑައިގަތުމަށްފަހު ޝައިޚްގެ ހުން ގަދަވެ، ޙާލުކޮޅު ދެރަވުމާ ގުޅިގެން އިތުރު ތަޙުލީލުތަކާއި ފަރުވާއަށް މިއަދު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.
އެ ޖަމިއްޔާއިން އިތުރަށް ބުނެފައިވަނީ، ޝައިޚްގެ ސިއްޙީ ޙާލަތާ ގުޅޭ ސީރިއަސް ބައެއް ކަންތައްތަކެއް ހުރިކަން ފާހަގަކުރެވޭތީ، އިތުރު ޓެސްޓުތަކެއް ހެދުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށެވެ. އަދި މި ދަނޑިވަޅުގައި ޝައިޚަށް ހެޔޮ ދުޢާކޮށްދެއްވުމަށް އެ ޖަމިއްޔާއިން އެންމެހައި ރައްޔިތުންގެ ކިބައިން އެދިފައިވެ އެވެ.

ޝައިޚް ނައިފަރީ މާލެ ވަޑައިގެންނެވީ އަލްޢަޞްރު ޖަމިއްޔާއާއި އެޗް.ޑީ.ސީ ގުޅިގެން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވި "ކަލަކުވޭ ބިރުވެތިވޭ" ދަރުސް ދެއްވުމަށެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ދަރުހަކީ ވަރަށް ކާމިޔާބު ދަރުހެކެވެ.

ޝައިޚް އިބްރާހިމް ވަނީ ލޮލުގެ ފަރުވާއަށް މީގެ ދެ މަހެއްހާ ދުވަސް ކުރިން، އާންމުންގެ އެހީތެރިކަމާއެކު ތައިލޭންޑަށް ވަޑައިގެން ފަރުވާ ހޯއްދަވައިފަ އެވެ. ހުޅުމާލޭގައި ބޭއްވި ދަރުސް ދެއްވަން ޝައިޚް ވަޑައިގެންނެވީވެސް ސިއްހީ ހާލަތާ ގުޅިގެން ދުވަސްތަކެއްވަންދެން މަސައްކަތާ ދުރުގައި އުޅުއްވުމަށްފަހުގަ އެވެ.

ޝައިޚް މުޙައްމަދު އިބްރާހިމަކީ މަދީނާ އިސްލާމިކް ޔުނިވަރސިޓީން މަތީ ތަޢުލީމު ޙާޞިލުކުރައްވާފައިވާ ބޭފުޅެކެވެ. ދީނީ ޢިލްމު ފެތުރުއްވުމުގައި ނަމޫނާ ދައްކަވަމުންދާ ޝައިޚް ވަނީ ތަފާތު އެކި މައުޟޫޢުތަކަށް އަގުހުރި ގިނަ ފޮތްތަކެއް ލިޔުއްވާފަ އެވެ.

އޭގެ ތެރޭގައި "ހިސްނުލް މުސްލިމް"، "ކިތާބުއްޞިޔާމު"، "ނަބީބޭކަލުންގެ ތަރިކަ"، "ތައުޙީދުގެ ޚުލާޞާ" އަދި "ކިތާބުއްޞަލާތު" ފަދަ މުހިންމު ފޮތްތައް ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *