ޅެންވެރިންގެ ދުވަސް ފާހަގަ ކުރަން ގައުމިއްޔަތު މިނިސްޓަރު އައްޑޫއަށް

ޅެންވެރިންގެ ދުވަސް ފާހަގަ ކުރަން ގައުމިއްޔަތު މިނިސްޓަރު އައްޑޫއަށް

މިއަހަރުގެ ޅެންވެރީންގެ ދުވަސް ފާހަގަކުރުމުގެ ރަސްމީ ހަރަކާތްތައް ރޭ އައްޑޫ ސިޓީ ހިތަދޫގައި ބާއްވައިފިއެވެ. ރަސްމީ ޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރީގައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައިވެރިވެވަޑައިގަތެވެ. ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި ވުޒާރާގެ ހާއްސަ މުޝީރު އުތީމު އާދަމް އަބްދުއްރަހުމާނާއި، ވުޒާރާގެ ބައެއް އިސް މަސްއޫލުވެރިން ބައިވެރިވެވަޑައިގަތެވެ.

ދިވެހިބަހުގެ އެކަޑެމީން އިންތިޒާމުކުރި މި ރަސްމިއްޔާތުގައި އެކަޑެމީގެ ރައީސް ހަސަން ޝާކިރު މުހައްމަދާއި، ނައިބު ރައީސާއި، އެތައް ޅެންވެރީންނެއް ބައިވެރިވެވަޑައިގަތެވެ.

ކޮންމެ އަހަރަކުވެސް ޅެންވެރީންގެ ދުވަސް ހާއްސަވަނީ ދިވެހި އަދަބިއްޔާތުގެ ގަދަފަދަ ތަނބެއްކަމަށްވާ މަރުހޫމް އިބްރާހީމް ޝިހާބަށެވެ. މިއަހަރު ރަސްމީ ޖަލްސާ ތަހުސީސްކުރެވިފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކެމީ ހަސަން ލަބީބަށެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޅެންވެރިކަމުގެ ފަންނު ކުރިއެރުވުމާއި، ޅެންވެރީންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް "ޅެންވެރީންގެ ގުންޒަރު" ބޭއްވުނެވެ. މި ގުންޒަރުގައި ތަފާތު އެތައް ޅެންވެރީންނެއް ބައިވެރިވެ، ޅެން ހުށަހެޅުއްވިއެވެ.

އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދިވެހިބަހުގެ އެކެޑަމީގެ ފޮތް މައުރަޒު ހުޅުއްވައި ދެއްވާފައިވެއެވެ

މި މައުރަޒުގައި ވަޒީރު ވަނީ، ދިވެހި ބަހަށް ލޯބިކުރައްވާ ފަރާތްތަކުގެ ބަސްކޮށާރު މުއްސަނދިވާ ގޮތަށް، އައްޑޫ ސިޓީގެ ހިރާ ސްކޫލުން އުފައްދާފައިވާ “ބަސްފިލާ” އެއް ނެރެދެއްވައިފައެވެ. “ބަސްވާރު”ގެ ނަމުން ނަންދީފައިވާ މި ބަސްފިލާގެ އެއްފިލާ މި ރަސްމިއްޔާތުގައި ހިރާ ސްކޫލުގެ ފަރާތުން ވަޒީރަށް ވެދުމަށް އެރުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *