މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅަން ބިލު ހުށަހަަޅައިފި

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅަން ބިލު ހުށަހަަޅައިފި

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ކަނޑައަޅަން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ބިލެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވާއިރު، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި، މިސްކިތްތަކަށް ގެއްލުންދިނުން އާއްމުވެ، އެފަދަ އަމަލުތައް ތަކުރާރު ވަމުން ދިއުން ކަމަށެވެ. އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއް ކަމަށްވާއިރު، މިސްކިތުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމަކަށްވާއިރު، އެ ފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިއްމު ކަމެއްކަމަށްވެސް އެ މެންބަރު ވިދާޅުވެފައިވެއެވެ.

މިބިލުގައި އިސްލާހު ހުށަހަޅާފައިވަނީ، ގާނޫނުގައި "ޓެރަރިޒަމް" ގެ އަމަލުތައް ބަޔާންކޮށްފައިވާ ހަތަރު ވަނަ މާއްދާގެ (ށ) ގެ ހަތް ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.

ގާނޫނުގެ ހަތަރުވަނަ މާއްދާގައި މިހާރު ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނެނީ، މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި، ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި، މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި، ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުމެވެ. މީގެއިތުރުން އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާ ފަދަ ހާލަތެއް ކުރިމަތި ކުރުވުމާއި، މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުންވެސް ހިމަނާފައިވެއެވެ.

މި މާއްދާއަށް އިތުރު ކުރަން މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވީ މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަަމަށް އިތުރު ކުރުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *